ޝަރީއަތް ނިމެންދެން ޖަލަށް ލައިފައި ތިބި އެތައް ބަޔަކު ރާއްޖޭގެ ޖަލުތަކުގައި އެބަ ތިބި ކަމަށާ އޭގެ ތެރޭގައި "ވާނުވާ" ގައި އެތައް އަހަރެއް ވެފައި ތިބި މީހުންވެސް އެބަ ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މަޖިލީސް މެންބަރު އަބްދުﷲ ރިޔާޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ވާނުވާ ގައި އެގޮތަށް ތިބި ގިނަ މީހުން ތިބީ ކޮންމެވެސް ބައެއްގެ ނުފޫޒުން ކަމަށާ އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ގާސިމް ވިދާޅުވީ އެގޮތަށް ޖަލަށް ލައިފައި ތިބި ކިތަންމެ ބަޔަކާ އެމަނިކުފާނު ޖަލުގައި އޮންނެވި އިރު ބައްދަލުވެފައި ވާކަމަށެވެ. އަދި ޖަލަކީ އެގޮތަށް މީހުން ބައިތިއްބަން ހެޔޮވާ ވަރުގެ ތަނެއް ނޫންކަމަށް ވިދާޅުވެ، އޭނާގެ ވެރިކަމެއްގައި ނަމަ ގިނަ ވެގެން 7 ދުވަހުގެ ތެރޭގައި ޖަލު ތަޅާލައްވާނެ ކަމަށް ވިދާޅުވިއެވެ.
ޖަލުގެ ހިތްދަތި ހާލު ބަޔާން ކުރައްވަމުން ގާސިމް ވިދާޅުވީ މީހުން ޖަލަށް ލާން ވާނީ ބެލެހެއްޓޭނެ ނަމަ ކަމަށާ، އެތާނގައި ސިމެންތި އަށި މަތީގައި އެގޮތަށް "ވާނުވާ" ގައި ޝަރީއަތް ނިމެންދެން ބޭއްވުމަކީ އިންސާފެއް ނޫންކަމަށެވެ.
މިރޮނގުން ވާހަކަ ދައްކަވަމުން ގާސިމު އިތުރަށް ވިދާޅުވީ ރާއްޖޭގައި ރައީސްކަން ކުރައްވައި މީހުން ޖަލަށް ލުމަށް ގެންގުޅޭ ސަގާފަތްވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިއައީ ހެޔޮވެރިކަން ކުރަން ތޮފި އަޅައިގެން. އައިސް ކީއްތޯ މިކުރަނީ" ރައީސް ޔާމީނު ޖަލަށްލައިފައިވާ ހާދިސާއަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ކުރިން ރައީސް މައުމޫނާ، ރައީސް ނަޝީދުވެސް ޖަލަށްލައިފި ކަމަށެވެ. ނަމަވެސް މިއަދު ހެޔޮވެރިކަން ކުރަން އައި ބަޔަކު ރައީސް ޔާމީނުވެސް ޖަލަށް ލައިފި ކަމަށެވެ.
"ރަނގަޅު، ކުށްކޮށްގެން ސާބިތު ވެގެން ޖަލަށް ލާން ޖެހިއްޖެއްޔާ ލެވިދާނެ ދެއްތޯ، އެކަމަކު ވާނުވާގައި މީ ކޮން ކަމެއްތޯ" އައްސަވާ ގާސިމު ވަނީ ޔާމީނު ޖަލަށް ލުމުން ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވާފައެވެ.