މާލޭގެ ގަލޮޅު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުންކުރި ކަމުގެ ތުހުމަތުގައި 17 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން، މިއަދު ހިންގި އޮޕަރޭޝަނެއްގައި 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހަކާއި، 23 އަހަރުގެ މީހަކާއި، 24 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހަކާއި 29 އަހަރުގެ ދެ މީހުންނެވެ. މި މީހުންގެ އިތުރުން 30 އަހަރުގެ ދެ މީހުންނާއި، 32 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 37 އަހަރުގެ މީހަކާއި، 38 އަހަރުގެ ދެ މީހުންނާއި، 41 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހައްޔަރު ކުރީ ހުސް ފިރިހެނުން ކަމަށެވެ. އަދި މިއީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި 17 މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެެ ބަލާ ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، 10 ސެލޯފިންކޮޅާއި، 164 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.