ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަކީ އެއްވެސް ޕްލޭނެއް ނެތި ފެށި މަޝްރޫއެއް ކަމަށް މި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ ޔާމީންގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް އެމަނިކުފާނަށް ވިސްނި ވަޑައިގަތީ ދިވެހި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ބޭނުންވާ ކަމާއި، ހިޔާ މަޝްރޫއަކީ އެގޮތުން ކުއްލިއަަކަށް ފެށި ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެއީ މާ ބޮޑު ޕްލޭނެއް ކުރެވިގެން ކުރިކަމެއް ނޫންކަން މިހާރު ފެންނަމުންދާ ކަމަށާއި، އެކަން ފެށި އިރު ވެސް އެވާހަކަތައް ދައްކަވަމުން ގެންދެވި ކަމަށެވެ.

"ސަރުކާރު ކުންފުނިތައް މެދުވެެރިކޮށް ރައްޔިތުންނަށް ކަންތައްތަކެއް ކުރާ ކަމަށް ދެއްކުމަށް ކުރި ކަމެއް. މިކަމުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތާއި ކުންފުނީގެ މަގްސަދަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވަނީ މިއަދު" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުުރުން އިކޮނަމިކް މިނިސްޓްރީ މެދުވެރިވެގެން، ކުންފުނިތަކުން އެކަން ކުރެވޭނެ ގޮތް ހޯދުމަށްޓަކައި މަަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ފުލެޓް އެޅުމަށް ހަވާލުކުރެވުނު ކުންފުނިތަކުހެ ތެރެއިިބް އެޗްޑީސީ ފިޔަވައި ދެން އެހެން ކުންފުނިތަކަކީ އެ މައްސަކަތުގައި އުޅެފައިވާ ކުންފުނިތައް ނޫން ކަމަށާއި، މިކަން ކޮށްފައިވަނީ ކުންފުނިތަކުން ރައްޔިތުންނަށް ކަމެއްކޮށްދޭކަން ދެއްކުމުގެ ގޮތުން ކަމަށެވެ.

"މީގެ ތެރޭގައި ނެތް އެޗްޑީސީ ފިޔަވައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް. މިދިޔަ ސަރުކާރުން ފެނުނީ މުޅިންވެސް މިކަހަލަ ކަންކަން. ބަނދަރު ބަލަހައްޓާ ކުންފުނިން ބަސްދުއްވީ. ރައްޔިތުންނަށް ދައްކާލުމަށްޓަކައި ސަރުކާރުގެ ކުންފުންޏަކުން ކަމެއް ކުރުވަނީ މި" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިކަމުގެ ސަބަބުން ހިނގަހިނގާ ހުރި ކުންފުނިތަކުގެ މާލީ ހާލަތަށް ގޮންޖެހުންތަކެއް އައިސްފައިވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅާ ފުލެޓްތަކާއި ގުޅިގެން، އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވީ މި މަޝްރޫއުގައި ސޮއިކުރި ގިނަ ކުންފުނިތަކާއި އިދާރާތަކުގައި މިފަދަ މަޝްރޫއުތަކެއް ހިންގާނެ މާލީ އަދި ފަންނީ ގާބިލްކަމެއް ލިބިފައި ނުވާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ކުންފުނިތަކާއި އިދާރާތަކުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބޭރުގެ ކުންފުނިތަކުގައި ސަބް ކޮންޓްރެކްޓް ކޮށްގެން އަދި ބޭރުގެ ބޭންކު ތަކުން ކުންފުނިތަކުގެ ނަމުގައި ލޯނު ނަގައިގެން ކަމަށެވެ.

"ގިނަ ކުންފުނިތަކަކީ އަމިއްލަ ފައިސާއިން މަސައްކަތް ކުރަން ނިންމި ކުންފުނިތަކަށް ވުމުން ކުންފުނިތަކުގެ މާލީ ހާލަތަށް އަސަރުކުރި. އަދި މިހެން މަޝްރޫއުތައް ކުރިއަށް ގެންްދިއުމަށް ކުންފުނިތަކަށް ނުކަތާވަރުގެ ލޯން ނަގަން ޖެހި އަދި ކުންފުނިތަކުގެ މުވައްޒަފުން ބޮޑު އަގުގައި ފުލެޓަށް ކުރިއަށް ފައިސާ ދައްކަން ޖެހުނު" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ މަޝްރޫއު ހިންގާނެ މާލީ އަދި ފަންނީ ގާބިލްކަން ކުންފުނިތަކުގައި ނެތުމުން އެޗްޑީސީއާއެކު ސޮއިކުރި 16 ކުންފުނީގެ ތެރެއިން އަމަލީގޮތުން މަސައްކަތް ފެށިފައިވަނީ އަށް ކުންފުންޏަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.