މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ އިދާރާއިން ގަވަރުނަރުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި ގަވަރުނަމުގެ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވަނި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ބަލަމުން ދަނީ، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް ހުށަހެޅުއްވި މައްސަލައެކެވެ. އަދި އޭނާ މައްސަލަ ހުށަހެޅުއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ނަސީރު އިސްކޮށް ހުންނަވައިގެން އޭނާ މަގާމުން ވަކިކުރުމުންނެވެ.
އެފްއައިޔޫއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ނަމަވެސް، ކުރީ ސަރުކާރުން އެކަން ބަލާފައި ނުވެއެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ގަވަރުނަރު ނަސީރު މިއަދު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކުރައްވާފައެވެ. ނަމަވެސް މި ކޮމިޓީ ވަނީ ސިއްރު ކޮށްފައެވެ. ގަވަރުނަރުގެ އިތުރުން އެފްއައިޔޫގެ ކުރީގެ ދެ ވެރިންވެސް ކޮމިޓީއަށް މިއަދު ހާޒިރުކުރިއެވެ.
ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައި ވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް މެމްބަރުން ކޮމިޓީ ސިއްރު ކުރުމަށް ވޯޓް ދެއްވުމާ ގުޅިގެންނެވެ.