އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ މަޝްހޫރު ތަރި ޖޮނީ ޑެޕް، އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑް ގޮވައިގެން ކޯޓަށް ހިނގައްޖެއެވެ.

އެކްޓަރެސްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ އެމްބާ ވަނީ އޭނާއަށް ލިބުނު ގެވެށި އަނިޔާގެ ވާހަކަ ދެއްކުމުގެ ސަބަބުން އޭނާއަށް ކުރިމަތިލާންޖެހުނު "ރައްދު" ހަމަލާތަކުގެ ވާހަކަ ބަޔާންކޮށް ވޮޝިންގްޓަން ޕޯސްޓްގައި މިދިޔަ ޑިސެމްބަރު މަހު އާޓިކަލެއް ޝާއިއުކޮށްފައެވެ.

އެމްބާއާ ދެކޮޅަށް ޖޮނީ ޑެޕް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އޭނާގެ އަނބިމީހާއަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި، އެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއީ އޭނާގެ ކެރިއާ ކުރިއަރުވަން ކުރާ ކަމެއް ކަމަށެވެ.

ޖޮނީ ޑެޕް ދަނީ ބަދަލުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޖޮނީ ޑެޕްއާއި ދެކޮޅަށް އެމްބާ އެންމެ ފުރަތަމަ ދައުވާ ހުށަހެޅީ 2016 ވަނަ އަހަރުގެ މެއި މަހުއެވެ. އޭރު އެ ދެމީހުންގެ ކައިވެންޏަށް ވީ އެންމެ އަހަރެކެވެ. އެފަހަރު، އެމްބާއާއި ދުރުގައި ހުރުމަށް ޖޮނީ ޑެޕްގެ މައްޗަށް އަމުރު ކުރެވުނުއިރު، މި ދެމީހުން ވަނީ 2017 ވަނަ އަހަރު ވަރިވެފައެވެ.

އެމްބާގެ ވަކީލު ބުނީ ޖޮނީ ޑެޕްގެ ދައުވާއަކީ އެމްބާގެ އަޑު ކަނޑުވާލުމަށް އެޅި ފިޔަވަޅެއް ކަމަށާއި، ނަމަވެސް އޭނާ ހަނުހިމޭން ނުކޮށްލެވޭނެ ކަމަށެވެ. ރައްދުގައި ޖޮނީ ޑެޕްގެ ވަކީލު ބުނީ އެއީ މަގުސަދު ނޫންކަމަށެވެ.