ހަފުތާ ބަންދާއި ކުރިމަތިލިއިރު ގިނަ ބެލެނިވެރިންތަކެއްގެ ހިތުގައި ބިރުވެރިކަން އުފައްދާލި އެއް ޚަބަރަކީ އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންތަކެއް ނަފްސާނީ ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލި "މޯމޯ" ޗެލެންޖުގެ "ބިރުވެރިކަމުގެ" ޚަބަރެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ޚަބަރު ފަތުރަމުންދާ ބައެއް ކަހަލަ މަސްދަރު ސާބިތުނުވާ ސައިޓްތައް މެދުވެރިކޮށް އަންނަ ޚަބަރުތައް ފެތުރުމުގެ ސަބަބުން ފާއިތުވެ މިދިޔަ ދެތިން ދުވަހު ބައިނަލްއަގުވާމީ ޚަބަރުތަކުގެ އިތުރުން ބައެއް ދިވެހި ވެބްސައިޓްތައްވެސް ގުގުމާލި އެއް ޚަބަރަކަށްވީ "މޯމޯ" ޗެލުންޖުގެ ނުރައްކަލުގެ ވާހަކައެވެ. ނަމަވެސް، އޮއެވަރު ބަދަލުވެއްޖެއެވެ. ވިސްނުން ބަދަލު ކުރަންޖެހިއްޖެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި "މޯމޯ ޗެލުންޖު"ގެ ބިރުވެރިވާހަކަތައް ދައްކަމުންދާއިރު، އެކަން ދިރާސާކުރި ފަރާތްތަކުން ބުނަނީ މިކަމަކީ އެބުނާ ވަރުގެ އެއްވެސް ހަގީގަތެއް އެކަމުގައި އެކުލެވިގެންވާ ކަމެއް ނޫންކަމަށެވެ.

"މޯމޯ ޗެލެންޖު"ގައި ފެންނަނީ ދެލޯ ބޮޑުކޮށްގެން ބިރުވެރި ސިފައަކަށް ހުންނަ އެއްޗެއް ސްކްރީންނަށް އަރާ، އަމިއްލަ ނަފުސަށް ގެއްލުންވާ ފަދަ ކަންތައްތަކެއް ކުރުމަށް ހިތްވަރުދީ، އެކަން ނުކޮށްފިނަމަ ގެއްލުންދޭނެ ކަމަށް ބުނެ ބިރުދައްކާ މަންޒަރެވެ. ބައެއް ބެލެނިވެރިންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިކަމެއް ހިނގަނީ ވަޓްސްއެޕާއި ޔޫޓިއުބް ބޭނުން ކުރާއިރުއެވެ.

ކަންމިހެން އޮތްއިރު، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނީ މިފަދަ ރިޕޯޓެއް ރަސްމީ ސިފައެއްގައި ކޮށްފައި ނުވާއިރު، މިފަދަ ޗެލެންޖެއްގެ ސަބަބުން އެއްވެސް ކުއްޖަކަށް އަނިޔާވެފައިވާކަމުގެ އެއްވެސް ރެކޯޑެއް ނެތްކަމަށެވެ.

ގާޑިއަން ނޫހުގެ މީޑިއާ އެޑިޓާ ޖިމް ވޮޓާސަން ބުނީ، މީހުން ބިރުގެންނެވުމަށް "އުފައްދާފައިވާ" ބިރުވެރި ވާހަކަތަކެއް މީޑިއާގެ ސަބަބުން "ވައިރަލް"ވެފައިވާ ކަމަށާއި، "މޯމޯ ޗެލެންޖު"ގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތުގެ އިންޒާރު ދިނުމަށް ފުލުހުންނާއި ސްކޫލުތަކަށްވެސް މަޖުބޫރުކުރުވީ މީޑިއާގައި ދައުރުވި ދޮގު ޚަބަރުތަކެއްގެ ސަބަބުން ކަމަށެވެ.

މޯމޯ އަކީ ކޮބައިގަން އެނގޭތަ؟

މޯމޯ ޗެލެންޖުގެ ވާހަކައަކީ މީގެ މަސްތަކެއް ކުރިން ބައިނަލްއަގުވާމީ މީޑިއާގައި ދައުރުވާން ފެށި ވާހަކައެކެވެ. ނަމަވެސް ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ބައިނަލްއަގުވާމީ ސޯޝަލް ވިއުގާގައި މޯމޯ ޗެލެންޖުގެ ވާހަކަ ވައިރަލްވާން ފެށީ، އެ ޗެލެންޖާއި ގުޅުންހުރި ކަމަށް ބުނާ ވާހަކަތަކެއް، ބަޔަކު ފެންމަތި ކުރި ހިސާބުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި ހާހުން ހާހުން ޝެއާ ކުރަން ފެށިއެވެ. ނަތީޖާއަކަށްވީ ބައިނަލްއަގުވާމީ މައިދާނުގައި "ޚަބަރަކަށް ފެންބޮވައިގެންފައި" ތިބި މީޑިއާތަކުން ހިފާނެ އެއްޗެއް ލިބުމެވެ. ހަމައެކަނި "ލެއްގި ޚަބަރަށް" ބަރޯސާވެގެން ތިބި ބަޔަކަށް، "ކައްކާނެ" ޚަބަރުގަނޑެއް ފެނުމެވެ. ރާއްޖޭގައިވެސްވީ މިފަދަ ކަމެއް ކަމުގައި ނުވެދާނެއެކޭ ނުދަންނަވާނަމެވެ. ވަކިން ހާއްސަކޮށް ފޭސްބުކްގައި ވައިރަލް ވަމުންދިޔަ "އިސްތަށިގަނޑު ކޮށާލި އަންހެންކުއްޖާ"ގެ ވާހަކައަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެ ނޫހެއްގެ އިތުބާރު ގެއްލި، "ދޮގު ޚަބަރު" ފެތުރުމާއި ޚަބަރު ކެއްކުމުގެ ލަގަބު ހޯދާފައިވާ ޑެއިލީ މެއިލްއިން ގެނެސްދިން ޚަބަރެއްކަން ފާހަގަކުރަމެވެ.

މޯމޯގެ ޝިކާރައަކަށްވީ ކަމަށް ބުނާ ކުދިންނާއި ހަވާލާދީ ދައުރުވާ ޚަބަރުތައް ބުނާ ގޮތުގައި އިންޓެނެޓް އެޕްލިކޭޝަން ބޭނުންކުރަމުންދާ ވަގުތު މޯމޯ ކެރެކްޓާ ސްކްރީނަށް އެރުމަށްފަހު ކޮންޓެކްޓެއްގެ ގޮތުގައި މޯމޯ ސޭވް ކުރުމަށް އަންގައެވެ. އަދި މޯމޯ ބުނާ ކަންތައްތައް ކުރަން މަޖުބޫރުކުރުވައެވެ. އަދި އެވާހަކަތައް އާއިލާގެ މެމްބަރުންނާއި ހިއްސާ ނުކުރުމަށްވެސް މަޖުބޫރުކުރުވައެވެ. ދައުރުވެފައިވާ ބައެއް ހާދިސާތަކަށް ބަލާއިރު، ވިސްނާ ނުލާ ހުއްޓާ މޯމޯ ސްކްރީނަށްވެސް އަރަނީއެވެ. މިކަމެއް ކުރަނީ ހެކަރުންތަކެއް ކަމަށްވެސް ބުނެވުނެވެ.

އިނގިރޭސިވިލާތުގެ ދަ ސޭފާ އިންޓަނެޓް ސެންޓަރުން ބުނީ މިއީ ހައްތަހާވެސް ދޮގު ކަމަށެވެ. ނަމަވެސް ޕެޕާ ޕިގް ފަދަ ކާޓޫންތަކުގެ ނުރަސްމީ ވާޝަންތަކަށް "މޯމޯ"ގެ ފުޓޭޖުތަކެއް އެޑިޓްކޮށްގެން ދައްކާކަމަށްވެއެވެ. އެހެންކަމުން، ނުރަސްމީ ލިންކުތައް މެދުވެރިކޮށް އޮންލައިން ކާޓޫން ބަލާ ކުދިންނަށް މޯމޯގެ ނުރައްކާ އެބައޮތެވެ.

މޯމޯ ޗެލެންޖާއި ގުޅިގެން ފުރާވަރު އުމުރުގެ 130 ކުއްޖަކު ރަޝީޔާއިން މަރުވިކަމަށް ބައެއް ޚަބަރުތައް ބުނާއިރު، މިކަމަށް ބާރުދޭ ރަސްމީ އެއްވެސް ރެކޯޑެއް އަދި ފެންނާކަށް ނެތެވެ.

ކަންމިހެން އޮތްއިރު، ވިލާތުގެ ބައެއް ފުލުހުން މިހާރު ވަނީ މޯމޯގެ ސަބަބުން ބައެއް ބެލެނިވެރިން ގަނެފައިވާ ބިރު ކަނޑުވާދިނުމަށް ހާއްސަ ކެމްޕޭނެއްވެސް ފަށާފައެވެ.

އެހެންވީއިރު ދެލޯބޮޑުކޮށްގެން މިއުޅޭ މޯމޯއަކީ ކޯއްޗެއް ހެއްޔެވެ؟ ޖަވާބު ވަރަށް ސަރީހައެވެ. މޯމޯއަކީ، ޖަޕާނުގެ ސްޕެޝަލް އިފެކްޓްސް ކުންފުންޏެއް ކަމަށްވާ ލިންކް ފެކްޓަރީ ފަރުމާއެކެވެ. ޕޮޕްކަލްޗާ ވެބްސައިޓެއް ކަމަށްވާ ނޯ ޔޯ މީމް ބުނާ ގޮތުން، ދުނިޔޭގެ ސަމާލުކަން މޯމޯއަށް އެންމެ ފުރަތަމަ އަމާޒުވީ 2016 ގައެވެ. ނަމަވެސް، އޭރު ރާއްޖެއަށް މި ޚަބަރު ނައީ، ޑެއިލީ މެއިލްއާއި އޮޑިޓީސެންޓްރަލް ފަދަ ސައިޓްތަކަށް މި ޚަބަރު ނޭރުމުން ކަމުގައިވެސް ވެދާނެއެވެ.

އިންޓަނެޓްގައި ދައުރުވާ ޚަބަރުތަކުގައި އެކުލެވޭ މައުލޫމާތު ޗެކް ކުރުމަށް ބޭނުންކުރާ ވެބްސައިޓެއް ކަމަށްވާ ސްނޯޕްސް ބުނާ ގޮތުގައި މޯމޯ އަކީ ހަގީގަތުން އެއްކިބާވެފައިވާ ދޮގު ޚަބަރެކެވެ. ނަމަވެސް، މޯމޯގެ ގޮތުގައި ފެންނަ ކެރެކްޓަރުގެ ސިފަ ހުންނަ ގޮތުން ކުޑަކުދިންގެ ހިތުގައި ބިރުވެރިކަން އުފެދުން އެކަށީގެންވެއެވެ. މޯމޯގެ ސަބަބުން ބިރުވެރިކަންތައްގަނޑެއް ކުރިމަތިވާކަމަށް ބުނެ ޚަބަރު ފެތުރުމަކީ ކުދިންނަށް ކުރިމަތިވާ އިތުރު ބިރެކެވެ.

ދެން ބެލެނިވެރިން ހަދަންވީ ކިހިނެއް؟

މޯމޯއޭ ކިޔައިގެން ބިރުވެރިކަން އުފެއްދުމަށް އެކި ކަހަލަ ވާހަކަ ދެއްކުމުގެ ބަދަލުގައި، މިއީ ހެޔޮ ގޮތުގައި އިންޓެނެޓް ބޭނުން ކުރުމަށް ދަރިންނަށް ދަސްކޮށްދޭން ލިބުނު ރަނގަޅު ފުރުސަތެއް ކަމުގައި ދެކޭށެވެ. ކަމާއި ބެހޭ ތަޖުރިބާކާރުން އިރުޝާދު ދޭ ގޮތުގައި، މޯމޯއޭ ކިޔައިގެން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ރީޕޯސްޓްކޮށް، ހިއްސާކޮށް، އެފަދަ ކަމެކޭ ހީވާކަހަލަ ވާހަކަތައްވެސް ދެއްކުން ހުއްޓާލަންޖެހެއެވެ. އަދި އިންޓެނެޓް މެދުވެރިކޮށް ދަރިންނަށް ވީޑިއޯ ދައްކާނަމަ ނުވަތަ އެފަދަ ސައިޓްތަކަށް ވަނުމަށް ހުއްދަ ދޭނަމަ، ސައްހަ، އޮފިޝަލް ސައިޓްތައް ބޭނުން ކުރުން މުހިންމެވެ. އަދި ޚަބަރެއް ހިއްސާކުރުމުގެ ކުރިން، އިތުބާރު ހިފޭ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުން މައުލޫމާތު ކަށަވަރުކޮށްފައި ނޫނީ މައުލޫމާތު ހިއްސާ ނުކުރުމަށްވެސް ސަމާލުވާންވެއްޖެއެވެ.