ޕޮޕް ލައިވައިގެ ރަސްގެފާނު މައިކަލް ޖެކްސަން (އެމް.ޖޭ)ގެ ދިރިއުޅުމުގައި ހިންގާފައިވާކަމަށް ބުނާ ދަށުދަރަކައިގެ އަމަލުތަކެއްގެ ވާހަކަ ބަޔާންކޮށް ދާދި ފަހުން އާންމު ކުރި ޑޮކިއުމަންޓްރީއަކާއި ގުޅިގެން އޭނާގެ އާއިލާއިން ދިފާއަށް ވާހަކަ ދައްކައިފިއެވެ.

"ލީވިންގް ނެވާލަންޑް"އާއި ބެހޭ ގޮތުން ސީ.ބީ.އެސްއާއި ވާހަކަ ދައްކަމުން ޓިޓޯ، މާލޮން، ޖެކީ އަދި ތާޖު ޖެކްސަން ވަނީ، މައިކަލް ޖެކްސަންގެ ފަރާތުން ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާރައާއި އަނިޔާ ލިބިފައިވާކަމަށް ބުނެ ފެންމަތިކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މައިކަލް ޖެކްސަންގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާއަށް ބޮޑު ބޭބެ ކިއާ ތާޖު ޖެކްސަން ބުނީ އެމް.ޖޭގެ އުޅުން ހުންނަ ގޮތުން ބައެއް މީހުންނަށް "އޮޑު" ގޮތެއް ހީވިއަސް، ބޮޑުބެއަކީ ވަރަށް މައުސޫމު މީހެއް ކަމަށެވެ. އަދި އެމް.ޖޭގެ އެންމެ ބޮޑު ވެއްޓުމަކީވެސް އޭނާގެ މައުސޫމުވަންތަކަން ކަމަށްވެސް ތާޖު ޖެކްސަން ވަނީ ސިފަކޮށްފައެވެ.

މާލޮން ބުނީ އެމް.ޖޭއާއި ދެކޮޅަށް ފެންމަތިކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް ނެތްކަމަށެވެ.

އެޗް.ބީ.އޯއާއި ޗެނަލް 4އިން ތައްޔާރުކޮށް އާންމުކޮށްފައިވާ 4 ގަޑިއިރުގެ ޑޮކިއުމަންޓްރީގައި ޖޭމްސް ސޭފްޗަކްއާއި ވޭޑް ރޮބްސަން ނަމަކަށް ކިއާ 2 ޒުވާނުންވަނީ އެމީހުން ކުޑައިރު، މައިކަލް ޖެކްސަންގެ ފަރާތުން ޖިންސީ ފުރައްސާރައާއި އަނިޔާ ލިބިފައިވާކަމަށް ދައުވާކޮށްފައެވެ.

ސީ.ބީއެސްއާއި ވާހަކަ ދެއްކި ޖެކްސަން އާއިލާގެ އެއްވެސް މެމްބަރަކު "ލީވިންގް ނެވާލަންޑް" ޑޮކިއުމަންޓްރީ ބަލާފައިނުވިނަމަވެސް، އެމީހުންގެ ގާނޫނީ ވަކީލަށް އިތުބާރުކުރާ ކަމަށް ވަނީ ބުނެފައެވެ.