ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި މުޅި ދުނިޔެވެސް ބަލައިގެންފައިވާ އެކަޑަމީ އެވޯޑްސްގެ މިއަހަރުގެ އެންމެ މޮޅު އެކްޓަރުގެ އޮސްކާ ޒުވާން ބަތޮލާ ރާމީ މަލެކް ކަށަވަރުކޮށްފިއެވެ.

ރާމީ މި އެވޯޑް ކަށަވަރުކޮށްފައިވަނީ މަޝްހޫރު ލަވަކިއުންތެރިޔާ ފްރެޑީ މާކިއުރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2018 ވަނަ އަހަރު އުފެއްދި ފިލްމް "ބޮހީމިއަން ރެޕްސަޑީ"އިންނެވެ.

މި ކެޓަގަރީއިން ރާމީއާއި ވާދަކުރި ތަރިންގެ ތެރޭގައި ކްރިސްޓިއަން ބޭލް އާއި ބްރޭޑްލީ ކޫޕާ ފާހަގަކޮށްލެވެއެވެ.

ބެސްޓް އެކްޓްރެސްގެ ކެޓަރީއިން ލެޑީ ގާގާއާއި މެލީސާ މެކާތީ ފަދަ ތަރިންނާއި ވާދަކޮށް އޮސްކާ ކަށަވަރު ކުރީ ފިލްމް "ދަ ފޭވަރިޓް"އިން އޮލީވިއާ ކޯލްމަންއެވެ.

ބެސްޓް ޑައިރެކްޓާގެ އޮސްކާ ގެންދިޔައީ ފިލްމް "ރޯމާ"އިން އަލްފޯންސޯ ކުއެރޯންއެވެ.ބެސްޓް ފޮރިން ލޭންގުއޭޖް ފިލްމަކަށްވެސް ހޮވިފައިވަނީ "ރޯމާ"ކަމަށްވާއިރު، ބެސްޓް ސިނަމަޓޮގްރަފީގެ ކެޓަގަރީއިން އޮސްކާ ގެންދިޔައީވެސް މި ފިލްމެވެ. އޮރިޖިނަލް ސްކްރީން ޕްލޭގެ އޮސްކާ "ގްރީން ބުކް" ގެންދިޔައިރު، ބެސްޓް އެނިމޭޑަޓް ފީޗާ ފިލްމަކަށް ހޮވިފައިވަނީ "ސްޕައިޑާ-މޭން: އިންޓު ދަ ސްޕައިޑާ ވާސް"އެވެ.

ފިލްމް "ބޮހީމިއަން ރެޕްސަޑީ"އަށް 4 އޮސްކާއެއް ލިބުނުއިރު އޭގެ ތެރޭގައި ބެސްޓް ސައުޑް އެޑިޓިންގް އާއި މިކްސިންގް އެވޯޑްތައް ފާހަގަކުރެވެއެވެ. ބެސްޓް ފިލްމް އެޑިޓިންގްވެސް ގެންގޮސްފައިވަނީ މި ފިލްމެވެ.

މިއަހަރުގެ އޮސްކާ އެވޯޑް ހަފުލާއަކީ ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ހޮސްޓަކާއި ނުލާ ޝޯ ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރަށްވީއިރު، އޮސްކާ އެވޯޑް ހަފުލާއާއި ހަމައަށްވެސް އެކި ކަހަލަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.