ޖިންސީ ފުރައްސާރައާއި ގޯނާގެ ދައުވާތަކެއް އަމާޒުވެފައިވާ މަޝްހޫރު ލަވަކިއުންތެރިޔާ އާރް ކެލީގެ ކަފާލާތުގެ އަގަކީ 1 މިލިއަން ޑޮލަރު ކަމުގައި ފަނޑިޔާރު ކަނޑައަޅައިފިއެވެ.

އާރް ކެލީއާއި ދެކޮޅަށް މިހާރު ކުރަމުންދާ ދައުވާތަކަކީ 4 އަންހެނަކަށް އޭނާ ޖިންސީ ފުރައްސާރައާއި ގޯނާ ކޮށްފައިވާ ކަމަށް ބުނާ ދައުވާތަކަކަށްވާއިރު، މީގެ ތެރޭގައި 18 އަހަރު ނުފުރޭ 3 ކުދިން ހިމެނެއެވެ.

އާރް ކެލީއާއި ދެކޮޅަށް މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވީ ކަމުގައި ވީނަމަވެސް، މިއީ ސަރިޔަތުގައި މިމައްސަލަ ބަލާ ފުރަތަމަ ފަހަރެވެ.

އާރް ކެލީ ދަނީ އޭނާއާއި ދެކޮޅަށް އަމާޒުކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރަމުންނެވެ.

އާރް ކެލީއާއާއި ދެކޮޅަށް ސަރިޔަތް ފަށާފައި މިވަނީ، އޭނާގެ ފަރާތުން ޖިންސީ އަނިޔާއާއި ފުރައްސާރަ އަމާޒުވި އަންހެނުންގެ ވާހަކަތައް ހިމަނައިގެން "ސަވައިވިންގް އާރް ކެލީ"ގެ ނަމުގައި ޑޮކިއުމަންޓްރީއެއްވެސް އާންމުކޮށްފައިވަނިކޮށެވެ. މި ޑޮކިއުމަންޓްރީގައި އޭނާގެ ކުރީގެ އަނބިމީހާގެ ވާހަކަތަކެއްވެސް ވަނީ ހިމަނާފައެވެ.

ކަންމިހެން އޮތްއިރު، އާރް ކެލީ ބޮއިކޮޓް ކުރުމުގެ ގޮތުން "މިއުޓްއާރްކެލީ"ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ދަނީ ހިންގަމުންނެވެ.

ޝިކާގޯގެ ފުލުހުންނާއި އާރް ކެލީ އަމިއްލައަށް ހަވާލުވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.