އިންސިއުލިން އިންޖެކްޝަންގެ ބަދަލުގައި ސީދާ ބަނޑުގައި އޮވެގެން ރާހަތެއް ކުރުވާ ބޭސް ގުޅައެއް އުފައްދައިފިއެވެ.

ހަކުރު ބަލީގެ ސަބަބުން އިންސިއުލިން ޖަހަން ޖެހެނީ ޓައިޕް ޓޫ ޑައިބީޓީޒް މަތީ މަރުހަލާއަކަށް ގޮސް، ހަށިގަނޑުގައި އަމިއްލަ ޒާތުން އިންސިއުލިން އުފައްދާ ނުދޭތީއެވެ. މިހާ ހިސާބަށް ދިއުމުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ދުވާލަކު އެއްފަހަރު އިންސިއުލިން އިންޖެކްޓް ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.

ކަންމިހެން އޮތް ނަމަވެސް، އިންޖެކްޝަން ކަށި ދެކެ ގަންނަ ބިރެއްގެ ސަބަބުން ކޮންމެ ދުވާލަކު އެއްފަހަރު އިންސިއުލިން ޖެހުމަށް ހަކުރު ބަލީގެ ބައެއް މީހުން ޖެހިލުންވެ، އެކަށީގެންވާ ފަރުވާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ ކަމަށް ދިރާސަތަކުން ވަނީ ސާބިތުވެފައެވެ.

ކައްޓެއްގެ ޒަރިއްޔާއިން އިންސިއުލިން އިންޖެކްޓް ކުރުމުގެ ބަދަލުގައި، ހަށިގަނޑުގެ ތެރެއަށް ބޭސް ގުޅައެއް ފޮނުވައިގެން އިންސިއުލިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދަނީ ކޯކް އިންސްޓިޓިއުޓް ފޮރ އިންޓަގްރޭޓިވް ކޭންސާ ރިސާޗް، މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)ގެ ޕްރޮފެސަރެއް ކަމަށްވާ ރޮބާޓް ލޭންގާއާއި އޭނާގެ ޓީމުންނެވެ.

މި ބޭސް ގުޅަ އުފައްދާފައި ވަނީ ކުޑަކުޑަ ތިނޯހަކާއި އެކުގައެވެ. ބަނޑުގެ ތެރެއަށް މި ބޭސް ގުޅަ ދިއުމުން ގޮހުގެ ފާރަށް އިންސިއުލިން ދަތުރުކުރަނީ މި ބޭސް ގުޅަ ތެރޭގައިވާ ކުޑަކުޑަ ކަށި ތިނޯހުގެ އެހީގައެވެ. ގޮހުރުގެ ފާރެއްގެ ގޮތުގައި އިންނަ ފަށަލައަކީ ވޭން އިހުސާސް ކުރެވޭ ފަށަލައަކަށް ނުވާއިރު، މި ގޮތަށް ޖަހާ ކައްޓަކުން ތަދު އިހުސާސް ނުވާނެ ކަމަށް ދިރާސާ ޓީމުން ބުނެއެވެ.

މިލިމީޓަރެއްހާ ކުޑަ ކަށި ތިނޯހެއް ހަށިގަނޑުގެ ތެރެއަށް ފޮނުވާލާއިރު، ކުރިމަތިވެދާނެ އިތުރު ސިއްހީ މައްސަލައަކުން ބަލި މީހާ ރައްކާތެރި ކުރުމަށްޓަކައި، ދިރާސާ ޓީމުން ދަނީ މި ބޭސްކުޅަ އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާސާ ޓީމުންވަނީ ސައިންސް ޖާނަލްގައި މި ދިރާސާ އާންމު ކޮށްފައެވެ.