ވިޔަފާރިވެރިންނަކީ ހަމަ ކޮންމެ ފަދަ އެއްޗެއް ވެސް ވިއްކާފާނެ ބައެއް ތާއެވެ. ކިތަންމެ އާދައިގެ އެއްޗެއް ކަމުގައިވީ ނަމަވެސް އެއަށް ކުޑަ ބަދަލެއް ގެނެސްގެން ބޮޑު އަގެއްގައި ވިއްކާލުމަކީ މިއަދު މާ އުނދަގޫ ކަމެއް ނޫނެވެ. މިފަދަ އެއް ހެއްކަކީ 650 ޑޮލަރަށް ވިއްކަމުން އަންނަ "ތޯޓް ބޮކްސް" އެވެ.

ތޯޓް ބޮކްސް އަކީ އާދައިގެ ކާޑުބޯޑު ފޮށިގަނޑެކެވެ. ތަފާތަކީ، ފޮތެއްގައި ގަނޑުލައްވާ އުސޫލުން އޭގައި ފޮތި އަޅާ ކަވަރުކޮށްފައި ހުންނަ ކަމެވެ. ބުނެވޭ ގޮތުގައި މި ފޮއްޓަކީ، ތޮއްޖެހިފައިވާ ވެއްޓެއްގައި ވަކި ކަމަކާއި މެދު ސަމާލުކަން ގެއްލުވާ ނުލާ ވިސްނަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ފޮއްޓެވެ. މި ފޮށިގަނޑަށް "ތޯޓް ބޮކްސް" އޭ ކިއަނީވެ ސް އެހެންވެއެވެ. ވަށައިގެން އުޅޭ މީހުންގެ އުނދަގުލާ އެހެންވެސް "ޑިސްޓްރެކްޝަންސް" އާއި ނުލާ، ކަމަކާއި ވިސްލާނާލަން މި ފޮށިގަނޑުން އެހީވާތީއެވެ.

އޮންލައިން ފިހާރައެއް ކަމަށްވާ ދަ ފޯމް އެމްޕޯރިއަމްއިން ލެބެން ހުންނަ މި ފޮށި ވިއްކަނީ ކަންފަތަށް ޖަހާ އުނގުރިއަކާ ވެސް އެކުގައެވެ. އަދި އެއިރެއްގެ މޫޑަކާއި ގުޅޭ ގޮތަށް ފޮށިގަނޑުގެ އުރަ ބަދަލުކޮށްލެވޭ ގޮތަށް ފޮތި އުރަތަކަކާ ވެސް އެކުގައެވެ. މީގެ އިތުރުން ވިސްނަން އިށީނދެ އިންނާނެ ކުޑަ ގޮނޑިއެއް ވެސް މި ފޮށިގަނޑާ އެކުގައި ލިބެއެވެ.

އާންމުންގެ މެދުގައި "ތޯޓް ބޮކްސް" މަގުބޫލުވާން ފެށީ ބީބީސީގެ ހޮސްޓަކު ޓުވިޓާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެންނެވެ.