ދިރިއުޅުމުގެ ވަކި ހިސާބަކަށް އައިސް ސިނގިރޭޓު ބުއިން ހުއްޓާލަން ބޭނުންވާ މީހުން މަދެކޭ ނުދެންނެވޭނެއެވެ. މިއީ ވަރަށް "ގަދަރުވެރި" ނިންމުމެކޭ ވެސް ބުނެވިދާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ، އެ ހިފި އަމާޒަކީ މާ ފަސޭހަ ކަމާއެކު ހާސިލުވާން އޮތް އަމާޒަކަށް ގިނަ ފަހަރު ނުވާ ކަމެވެ.
އެގޮތުން ސިނގިރޭޓު ބުއިން ހުއްޓާލަން ބޭނުން ނަމަ އަމިއްލަ މީހާގެ ނަފުސު އެކަމަށް އިންތިހާއަށް ތައްޔާރުވެ، ނަފުސުގެ އެންމެ ފުނުން އެކަން ގަބޫލުކުރަންޖެހެއެވެ. އަދި ސިނގިރޭޓު ބުއިން ހުއްޓާލަނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަން ވެސް ޖެހެއެވެ. މި ސުވާލުތަކަށް ޖަވާބު ލިބުމާއެކު ވަރަށް ފަސޭހައިން މިކަން ހުއްޓާލެވިދާނެ ތިން މަރުހަލާއެއް ވެސް އެބައޮތެވެ.
ފުރަތަމަ މަރުހަލާއަކީ، ހިފާފައިވާ ދެއްވަށް ސަމާލުކަން ދީ، އެހައިކަން ފިލުވާލުމުގެ ނިޔަތުގައި އެންމެ ސިނގިރޭޓެއް ބޮއެ ނުލުމެވެ. އާނއެކެވެ. ފުރަތަމަ ކަމަކީ ސިނގިރޭޓެއް ބޯލާހިއްވާއިރަށް އެކަން ނުކުރުމެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ހިފައިވާ ދެއްވަށް ދޫ ދޭނަމަ އެ "ފުރޭތަ" އިތުރަށް ބާރުގަދަވެގެންދާނެ ކަމެވެ. ނިކޮޓިންއަށް ތިބާ ހިފާފައިވާ ދެވި އިތުރަށް ގަދަވެގެންދާނެކަމެވެ.
ދެވަނަ ކަމަކަށް ހަނދާނުގައި ބަހައްޓަންވީ ކަމަކީ "ފަސޭހަވުމުގެ ކުރިން އުނދަގޫ" ވާނެ ކަމެވެ. މިއީ ހުރަސްކުރަން އެންމެ ދަތި މަރުހަލާއޭ ވެސް ދެންނެވިދާނެއެވެ. މިކަމަށް ކެތްތެރިކަން ބޭނުންވާނެއެވެ. ކުރިން ދެންނެވި "ފުރޭތަ" މިހާރު ހުންނާނީ ވަރަށް ބޮޑަށް "ހައި" ވެފައިއެވެ. އަދި ތިބާއަށް އެކި ކަހަލަ އުނދަގޫތައް ކުރަން ފަށާނެއެވެ. އެކި ކަހަލަ ޖެއްސުން ކުރަން ފަށާނެއެވެ. ނަމަވެސް ސަމާލުކަން ދީގެން އަޒުމް ވަރުގަދަ ކުރަންވީ ދެވި ހިފާފައިވާ ފުރޭތައިގެ ކިބައިން ސަލާމަތްވުމަށްޓަކައި އެ ފުރޭތައަށް އެއްވެސް ވަރަކަށް ކާން ނުދިނުމަށެވެ. އެ ފުރޭތައިގެ ހައިކަން ފުލުވާލަ ނުދިނުމަށެވެ.
ދެން އޮތީ އެންމެ ފަހުގެ އަދި ތިންވަނަ މަރުހަލާއެވެ. މިއީ ފުރޭތަ ބަނޑަށް ޖައްސާ، މަރާލާ މަރުހަލާއެވެ. މިހާ ހިސާބަށް އަންނައިރު ދެވި ހިފުމުގެ ބައި އޮންނާނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ސިނގިރޭޓަށް ހިފައިވާ ދެވި ކަނޑުވާލެވެން އޮންނަ ހަމައެކަނި ގޮތަކަކީ "ބަނޑަށް ޖައްސާލުން" ކަމަށް ވެސް ބުނެވިދާނެއެވެ. އެކި ކަހަލަ އުނދަގޫތައް ކުރިމަތިވީ ކަމުގައި ވީ ނަމަވެސް ދޫނުދީ ހިފަހައްޓާލަންވާނެއެވެ.
މި ލިޔުމަކީ އެލަން ކާރް ލިޔެފައިވާ ފޮތް "ދަ އީޒީ ވޭ ޓު ސްޓޮޕް ސްމޯކިންގް"ގެ ޚުލާސާއެކެވެ.