‏އޭޕްރިލް މަހު ‏ގިރާވަރުފަޅުގެ ބިން ހިއްކާ އެއްކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ ތަފްސީލުތައް ހާމަ ކުރައްވަމުން ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ.

އަދި ކުރިއަށް އޮތް އޭޕްރީލް މަހު އެ މަސައްކަތް އެއްކޮށް ނިމި، ސަވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. "އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،". ރައީސް ވިދާޅުވިއެވެ.

މިމަޝްރޫއުގެ ސްޕީޑް ހަލުވި ކުރުމަށް ބޮޑު ދެ ޑްރެޖަރު ދަނީ ބޭނުން ކުރަމުންނެވެ. މި ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރުގެ ހޮޕާ ކެޕޭސިޓީގަައި 35,500 ކިއުބިކް މީޓަރު ހުރި އިރު ދެން ބޭނުން ކުރަމުންދާ ޑްރެޖަރުގައި 22,000 ކިއުބިކް މީޓަރުގެ ހޮޕާ ކެޕޭސިޓީއެއް ހުރެއެވެ.

މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9001 ގޯތި ދޭން ނިންމާފައިވާ އިރު، އޭރު ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 އަދި ގިރާވަރުފަޅުން 5432 ގޯތި ދޭށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ގުޅިފަޅުގައި ގާއިމްކުރަން ނިންމި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ގުޅިފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ އެކު މިހާރު ހުޅުމާލެއިން 1370 ގޯތި، ގުޅިފަޅުން 3559 ގޯތި އަދި ގިރާވަރުފަޅުން 4072 ގޯތި ދޭން މި ވަނީ ނިންމާފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.