ސިނަމާލޭ ބުރިޖުގެ އެއާޕޯޓާ ވީކޮޅުން ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ބުރިޖުގެ ވޯކްވޭ މެދުވެރިކޮށް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ހުޅުލެ އަދި ހުޅުމާލެއަށް ދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. ސިނަމާލެ ބުރިޖާއި ހުޅުލެ އަދި ހައިވޭ ގުޅޭ ޓްރެފިކް ލައިޓު ހިމެނޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމުގެ ގޮތުން، ފުލުހުން ވަނީ ބުރިޖުގެ ވޯކްވޭ ލައިޓާ ހިސާބުން ބަންދުކޮށް ބެރިކޭޑު ބަހައްޓާފައެވެ.
ބުރިޖު ހުޅުވުނު ދުވަހުން ފެށިގެންވެސް، އެއާޕޯޓަށާއި ހުޅުމާލެއަށް ފައިމަގުގައި ދިޔުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ބައެއް އާންމުން އެ ސަރަޙައްދުގައި ބަހައްޓާފައިވާ "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ތަކާއި ބެރިކޭޑުތައް ހުރަސްކޮށް ދާކަމަށް ފުލުހުން ބުނެއެވެ.
އާންމު ސްޕީޑަށްވުރެ ބާރަށް އުޅަންދު ފަހަރު ދުއްވާ ބުރިޖާއި ހައިވޭގައި ފައިމަގުގައި އުޅުމަކީ ހިތާމަވެރި ހާދިސާއެއް ނުވަތަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަވީރާއި ރޭގަނޑުގެ ގަޑިތަކުގައި ހިނގާލުމަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރު ގައުމުތަކުގެ މީހުން ބުރިޖު މައްޗަށް ނުކުމެ އުޅޭއިރު ފުލުހުން ވަނީ ކަސްރަތަށް ނުކުންނައިރުވެސް ބުރިޖު ހުރަސްކޮށް ހުޅުމާލެ އާއި ވީފަޅިއަށް ނުދިއުމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރުކުރެވިފައިވާ ނިޝާންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކުރައްވާފައެވެ.
