ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ރިޕަބްލިކް އޮފް ހައިޓީގައި ރެޖިސްޓްރީކޮށްފައިވާ، އެހެންނަމަވެސް، ވެރިފަރާތް ކަށަވަރު ނުވާ ދެ ބޯޓުނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއާއި ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަގިލި ކަހާލައިގެން ގޮސް ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓަކީ މިދިޔަ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި ރާއްޖެ ސަރަހައްދަށް ވަދެ މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮއްވާ ފެނުނު ދެ ބޯޓު ކަމަށެވެ. އަދި އެ ދެ ބޯޓު ރާއްޖެ ސަރަހައްދުގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގުނީ ވެސް މާލެ ސަރަހައްދުގައި އެ ދެ ބޯޓު ބަނދަރުކުރިތާ ހަފުތާއެއް ފަހުންކަމަށާއި އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ނެތްކަމަށާއި، އިންޖީނު ވެސް މަސައްކަތް ކުރަނީ އެންމެ ބޯޓެއްގައިކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ދެ ބޯޓުގެ ހާލަތާއި އެ ދެ ބޯޓު މާލެ ކައިރީގައި އަޅާފައި އޮތުމުގެ ނުރައްކާ ބޮޑުކަމުން، ރައްކާތެރި ތަނަކަށް ގެންގޮސް އެ ބޯޓުތައް އަޅަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވީނަމަވެސް، އަދި، އެ ދެ ބޯޓުގައި ސަލާމަތީ އެއްވެސް ކަމެއް ރަނގަޅަ ނެތްކަން އިނގިތިބެ، ދޮޅުމަސް ދުވަސްވަންދެން އެ މަސައްކަތްނުކޮށް ދޫކޮށްލުމުން، ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާކަމަށެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ މި ހާދިސާއާއި ގުޅިގެން ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވީ ނަމަވެސް، މިފަދަ ހާދިސާއަކުން ބޮޑެތި ގެއްލުންތަކެއްވުން އެއީ ދުރުކަމެއްނޫން ކަމަށެވެ. އަދި، މި ސަރުކާރުން އެހާ އަވަހަށް މުޅި ސިނަމާލެ ބްރިޖު ބަލާ އެތަނަށް އެއްވެސް ގެއްލުމެއްނުވާކަން ކަނޑައެޅި ގޮތާމެދު އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އެމްޑީޕީގެ ބަޔާނުގައިވަނީ މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން މި ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ އަދި، މިކަމުގައި ސަރުކާރުން ބޮޑުތަނުން އިހުމާލުވެފައިވާކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ދޮޅުމަސް ދުވަހު މިފަދަ ބޭރުގެ ދެ ބޯޓު މާލެ ކައިރީގައި އެއް ނަގިލިން ބަންދަރުކޮށްފައި އޮއްވާ ނަގިލި ކަހާލުމަކީ އާދަޔާ ހިލާފުކަމެއް ނޫންކަން ފާހަގަކޮށް އެމްޑީޕީން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެ ދެ ބޯޓު އޮވެ މިދަފަ ހާދިސާއެއް ހިނގުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި ކަންކަން އިސްލާހުނުކޮށްފިނަމަ، މާދަމާ މިފަދަ އުޅަނދެއް މާލޭގެ ތޮށިގަނޑަށް ނުވަތަ އެހެން އުޅަނދަކަށް އުރުމަކީ ދުރުކަމެއް ނޫންކަމަށްވެސް އެ ޕާޓިން ވަނީ ބުނެފައެވެ.
ކަމާބެހޭ މުއައްސަސާތަކަށް ނޭނގި އެއްވެސް ހުއްދައެއް ނެތް އުޅަނދުތަކެއް މާލެ ސަރަހައްދަށް ވަދެ ބަނދަރުކުރުމަކީ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާތި ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަން ފާހަގަކޮށް އެމްޑީޕީން ބުނީ މިއީ ކަމާގުޅޭ އެންމެހާ މުއައްސަސާތަކާއި އެތަންތަނުގެ ވެރިން ޒިންމާދާރުކުރުވާ ޖަވާބުދާރީކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރާ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން ވަނީ ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާއިރު ރާއްޖޭގެ ސަރަހައްދުގެ ބޮޑުބަޔަކީ ކަނޑުކަމުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކަނޑުމަތީގެ ސަލާމަތަށް ވަމުންދާ އިހުމާލު ކުއްވެރިކޮށް، ބޭރުގެ މިދަފަ އުޅަނދުތަކާމެދު އަމަލުކުރާނެ އުސޫލެއް ހަދާ، އެއާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލާފައެވެ.
