ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ސ. ގަމަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ގަމަށް 183 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނު ރަށްތައް:

  • ސ. ގަން: 183 މިލިމީޓަރު
  • ސ. ހިތަދޫ: 80.9 މިލިމީޓަރު
  • ޏ. ފުވައްމުލައް: 69 މިލިމީޓަރު
  • ގދ. ތިނަދޫ: 87.6 މިލިމީޓަރު
  • ކާޑެއްދޫ: 50.5 މިލިމީޓަރު
  • ހުޅުލެ: 86.4 މިލިމީޓަރު
  • ހުޅުމާލެ: 51.2 މިލިމީޓަރު
  • މާލެ: 61.9 މިލިމީޓަރު

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި މި ވިއްސާރަ ކުރިއަށް އޮތް ހޯމަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ. އަދި މޫސުން އަލިވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެންނެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އިން ވަނީ ބުނެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މިއީ ކުއްލިއަކަށް ރާއްޖޭގެ ސަރަހައްދުގައި އުފެދުނު ވިލާގަނޑެއްގެ އަސަރު ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.