ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތަކަށް ފަސޭހަކަމާއެކު އޮންލައިންކޮށް ހައްލު ހޯދައިދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.
"ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" ނަމުގައި ތައާރަފުކުރި މި ނިޒާމަކީ ވިޔަފާރިވެރިންނަށް ކުރިމަތިވާ ކަންބޮޑުވުންތަކާއި، ސުވާލުތައް އަދި ހިޔާލުތައް ސީދާ ވުޒާރާއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕޯޓަލްގެ މުހިންމު ފީޗާސްތަކުގެ ތެރޭގައި ހުށަހަޅާ ކޮންމެ މައްސަލައަކަށް ނުވަތަ ސުވާލަކަށް ވަކި ރިފަރެންސް ނަންބަރެއް ދެވޭނެއެވެ. މީގެ ސަބަބުން މައްސަލަ އޮތް މަރުހަލާއާއި، ނިންމި ގޮތުގެ އަދާހަމަ ފަސޭހައިން ބަލާލެވޭނެއެވެ.
މިނިސްޓްރީން ބުނީ މި ޕޯޓަލްގެ ސަބަބުން އިދާރާއަށް ސީދާ ޒިޔާރަތްކުރުމުގެ ނުވަތަ ފޯނާއި އީމެއިލް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް މަދުވެ، އެއް ތަނަކުން ހުރިހާ ކަމެއް ނިންމާލެވޭނެކަމަށެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށް ހުރި ދަތިތައް ހިއްސާކޮށް، ސަރުކާރާއެކު ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
.މި ޕޯޓަލް ބޭނުންކުރުމަށްޓަކައި ވެބްސައިޓުގައި ރަޖިސްޓްރީވާންޖެހެއެވެ.
މި މަސައްކަތަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، ދައުލަތުގެ ހިދުމަތްތައް ޒަމާނީކޮށް އޮންލައިންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދެވުނު މުހިންމު ފިޔަވަޅެކެވެ.
