2003 ވަނަ އަހަރު ހުޅުމާލެއިން ވިއްކި ގޯއްޗެއް 23 އަހަރު ވީއިރު ވެސް ހަވާލުނުކުރެވި އޮތުމުން، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނިންމި ނިންމުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ބިން ހަވާލުކުރުމަށް ހަމަޖެހިފައިވާ ފަރާތް ކަމުގައިވާ އަހުމަދު ޒާހިރަކީ ޕީއެންސީ އަށް ނިސްބަތްވާ ބޮޑު އާއިލާއެއްގެ ބޭފުޅެއްކަމަށް ވަނީ ބުނެފައެވެ. އަދި މިހާރުގެ ގާނޫނުތައް ހަމަޖެހިފައިވާ ގޮތުން މިފަދަ ސަރުކާރުގެ ބިމެއް ދޫކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުލިބޭކަމަށް ވެސް ސޯޝަލް މީޑިއާގައި އެނޮނީމަސް އެކައުންޓެއް ކަމަށްވާ "ހަސަން ކުރުސީ"ގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އޮކޮނޮމިކް މިނިސްޓްރީން ބުނީ 22 ޑިސެމްބަރު 2003 ގައި އޭރުގެ ހޯމްއެފެއާޒް މިނިސްޓްރީގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ތެރެއިން އަހުމަދު ޒާހިރަށް ހުޅުމާލެ ފޭސް 1 އިން 904 އަކަފޫޓުގެ ބިމެއް 339,000 ރުފިޔާއަށް ވިއްކުމަށް ކަނޑައެޅިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮތްކަމަށެވެ.

ނަމަވެސް އޭރުން ފެށިގެން ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެ ގޯތި ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް އެފަރާތުން ހުށަހަޅާފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ބިން ހަވާލުކުރެވިފައި ނުވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ގާތްގަނޑަކަށް 23 އަހަރުވީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެފަރާތުގެ ދިރިއުޅުމުގެ ހާލަތަށް ބަލާ ކުރިން އެއްބަސްވެފައިވާ ކޮމާޝަލް ޓާމްސްތަކާ އެއްގޮތަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ ވިއްކުމަށް ނިންމި ބިމަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ގެ ދަށުން ޝަރުތު ހަމަނުވާ ފަރާތަކަށް ދޫކޮށްފައިވުމުން އެއްބަސްވުން ބާތިލުކޮށް ހުސްވެފައިވާ ބިމެއްކަމަށެވެ. އަދި މި ބިން ދިނުމަށް ނިންމީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އެފަރާތަށް ލިބިފައިވާ ޕްލޮޓްގެ އެންމެހާ ހައްގުތައް ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ވަރަށް ހައްސާސް މައްސަލައަކަށްވެފައި އެފަދަ ކަންކަމުގައި އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން މި މައްސަލާގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މިނިސްޓްރީން އަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އެދި އިސްނަގައިގެން އޭސީސީއަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އެފަރާތާއެކު ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ އޭސީސީގެ ބަހެއް ހޯދާ އެއްބަސްވުމަށް ގާނޫނީ ލަފާ ހޯދުމަށްފަހު ކަމަށް ވެސް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.