އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށާއި، މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މި ހިނގާ 2026 ސެޕްޓެންބަރު 05 ވަނަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ވާހަކަތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ، އެ މައުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓު ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރިއެވެ.
ފުލުހުން ބުނީ، 2026 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ އިރުއޮއްސި 18:40 އެހައިކަންހާއިރު ފުލުހުން ހ. ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކޮށް، ޗިޓު ހަވާލުކުރަން މަސައްކަތްކުރުމުން އެމަނިކުފާނު ވަނީ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.
އަދި ޗިޓާ ހަވާލުވެވަޑައިގަތުމުގެ ބަދަލުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ފުލުހުންނަށް ލިޔުމުން ޖަވާބެއް ދެއްވި ކަމަށް ފުލުހުން ބުންޏެވެ. އެ ލިޔުމުގައި، މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ރައީސް ޔާމީން ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ސާބިތުނުހިފޭ މައުލޫމާތު އާންމުކުރުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ގޮވާލާފައެވެ.
