ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެ، ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ 31 އޮގަސްޓް 2026 ގެ ހެނދުނު 07:36 ހާއިރުކަމަށެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓުވި މީހާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން އޮގަސްޓް 31 ވަނަ ދުވަހު ވަނީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިކަމަށެވެ.

އަދި މިހާރު އޭނާއަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުން ދާއިރު، ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، ވިނަރެސް 7 ކައިރީގައި 30 އޮގަސްޓު 2026 ގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުޑަކުއްޖާ މިއަދު ވަނީ ނިޔާވެފައެވެ.

މި ހާދިސާތަކާ ގުޅުވާ ގިނަ އަދަދެއްގެ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި ސަރަހައްދުތަކުގައި އެކަށީގެންވާ ގޮތަށް ޓްރެފިކް ނުބެލެހެއްޓޭކަމުގެ ޝަކުވާ އެ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.