މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާގެ ކޯޓަކުން މަރުގެ އަދަބު ކަނޑައަޅާފައިވާ ދިވެހި ޒުވާނެއް ކަމަށްވާ ޔުގީތު އިބްރާހީމް، އެ ގައުމުގެ އިސްތިއުނާފު ކޯޓުން ބާތިލުކޮށް، ވަގުތުން ދޫކޮށްލަން ހުކުމްކޮށްފިއެވެ.
މި މައްސަލައިގެ ފެށުމަކީ މީގެ ހަ އަހަރު ކުރިން، 22 މެއި 2018 ގައެވެ. ލަންކާގެ ބަންޑާރަނަޔަކެ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް އުޅެނިކޮށް، ފުލުހުންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ޔުގީތު ހައްޔަރުކުރީ އޭނާގެ ދަބަހުގައި ކާބަން ކަރުދާހުން ބަންދުކޮށްފައި ހުރި 12 ޕެކެޓެއްގައި 1.296 ކިލޯގެ ހެރޮއިން ހުރި ކަމަށް ބުނެއެވެ.
މި މައްސަލައިގައި ވިޔަފާރިކުރުމާއި އެތެރެކުރުމުގެ އިތުރުން ޑްރަގްސް ގެންގުޅުމުގެ ދައުވާ ދައުލަތުން އުފުލި ނަމަވެސް، ނިގަމްބޯ ހައިކޯޓުގައި ހިންގި ޝަރީއަތުން އޭނާގެ މައްޗަށް ސާބިތުވީ ހަމައެކަނި މަސްތުވާތަކެތި އަތުގައި ބެހެއްޓި ކަމުގެ ކުށެވެ. އެ ކުށަށް އެ ކޯޓުން އޭނާއަށް އިއްވީ މަރުގެ އަދަބެވެ.
ނަމަވެސް އިސްތިއުނާފު ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަމާލް ރަނަރާޖާ އާއި ޑރ. ސުމުދު ޕްރޭމަޗަންދްރާ މައްސަލަ ބެއްލެވުމަށްފަހު ފާހަގަކުރެއްވީ، މުޅި ތަހުގީގު ހިންގުމުގައި ބޮޑެތި އޮޅުވާލުންތަކާއި ގާނޫނީ ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމެވެ.
ފަނޑިޔާރުން ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
- އައިޑެންޓިޓީ ކަށަވަރުނުވުން: ޔުގީތު ހޯދަން ފުލުހުން ބޭނުންކުރި ކަމަށް ބުނާ ވަޓްސްއެޕް މެސެޖު ޝަރީއަތަށް ސާބިތުކޮށްދެވިފައި ނެތުން.
- ބަރުދަނުގެ ފަރަގު: ފުލުހުން އަތުލައިގަތް ކަމަށް ބުނާ އަދަދަށްވުރެ، ތަހުލީލުކުރި ލެބޯޓްރީއަށް ލިބުނު މަސްތުވާތަކެތީގެ ބަރުދަނުގައި 17.44 ގްރާމްގެ ފަރަގެއް ހުރުން.
- ހެކި ރައްކާތެރިނުކުރުން: ހައްޔަރުކުރި ވަގުތު ތަކެތި ބަރުދަން ނުބެލުމާއި ސީލް ނުކުރުން، އަދި ލިޔެކިޔުންތަކުގައި ނެތް މާއްދާއެއް ލެބޯޓްރީން ފެނިފައިވުން.
- އިޖުރާއީ ލަސްވުން: ބަޔާން ނެގުން ފަދަ މުހިންމު މަރުހަލާތައް އެކަށީގެންވާ ވަގުތުގައި ފުރިހަމަކޮށްފައި ނުވުން.
މި ކަންކަމަށް ރިއާޔަތްކޮށް، ފަނޑިޔާރުންގެ ބެންޗުން ކަނޑައެޅީ އެ މައްސަލައިގައި ކުށުގެ ނިޔަތް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވުމާއެކު، މުހިންމު ހެކިތައް ނެތުމުގެ ސަބަބުން އަލުން ޝަރީއަތެއް ހިންގުމުގެ ޖާގައެއް ވެސް ނެތް ކަމަށް އިސްތިއުނާފް ކޯޓުން ނިންމިއެވެ.
އެހެންކަމުން، ނިގަމްބޯ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ޔުގީތުގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކުން އޭނާ ބަރީއަކޮށް، ވަގުތުން މިނިވަންކުރުމަށް އަމުރު ނެރެފައެވެ.
