ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަންތަކެއްގައި، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެއިންކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި މީހުންނަކީ ހުއްދަދެވިފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން މި ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެކެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި މި މީހުންގެ އެކައުންޓުތަކުގައި ޖުމްލަ 54،429،550 ރުފިޔާއާއި 1،627،810 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލައިގައި ހިފަހައްޓާފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އެމްޑީ ފަރީދުއްދީނާއި، ވެއިޓަރެއްގެ ގޮތުގައި އުޅޭ މުހައްމަދު ރާހުލް އަމީނާއި، އެކައުންޓެންޓެއް ކަމަށްވާ މަސްއޫދު މިއާގެ އިތުރުން ކްލީނަރެއްގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު މަހުމޫދުލް ހަސަންއެވެ. މީގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ އިންޖިނިއަރެއް ކަމަށްވާ ދުލްކަރްނައި އިމްރާންހާނާއި ސޭލްސްޕާސަނެއް ކަމަށްވާ މުހައްމަދު އަސަތު ކަލަންދަރު ހުސައިން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، މި މީހުން ފައިސާ ދައުރުކުރުމަށް ބޭނުންކޮށްފައިވަނީ އެހެން މީހުންގެ އެކައުންޓުތަކެއްކަން ވަނީ ހާމަވެފައެވެ. އެގޮތުން، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކާއި ވިޔަފާރިތަކުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް، ފައިސާ ދައުރުކޮށް މުއާމަލާތްކުރުމަށް މި ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ.
އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ މީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ. އެހެންކަމުން، ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓު ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
