2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ޝަރީއަތް މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން އަލީ ހައިޝަމާއި ފަހުމީ އަލީގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާއިރު ފަހުމީގެ އަޑުއެހުން އޮތީ ހެނދުނު 09:00 ގައެވެ. އަދި ހައިޝަމްގެ އަޑުއެހުން އޮތީ މެންދުރު ފަހު 14:00 ގައެވެ.

ދައުލަތުން އަލީ ހައިޝަމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީ އަލީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި ހަމަލާއާ ގުޅިގެން ޖުމްލަ 6 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

  • މުޖާޒް އަހުމަދު، މއ. ފޭރުގޭ
  • ތަހުމީން އަހްމަދު، ގއ. ކޮނޑޭ، ފޮޅޭމާ
  • އަލީ ހައިޝަމް، ނ. މަނަދޫ، ނޫރީގެ
  • މުހައްމަދު ނާޒިމް، އއ. މާޅޮސް، އަސަރީގެ،
  • ފަހުމީ އަލީ، ގއ. ވިލިނގިލި، ހުދުރުވާގެ
  • އިސްހާގު، ހއ. މޮޅަދޫ، މ. ކުދެހިގެ،

ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާގުޅޭ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހަށް މި އަހަރުގެ އޭޕްރީލް މަހު ވަނީ އަންގާފައެވެ.