އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ "އިގުތިސާދީ ހަނގުރާމަ" ގައި ބައިވެރިވާ ކޮންމެ ގައުމަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލާނެއެވެ. އަދި އެފަދަ ގައުމުތަކަށް ބޮޑު ގެއްލުމެއް ދޭނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
ރިޒާއީ ވިދާޅުވި ގޮތުގައި އީރާނުގެ ސްޓްރެޓެޖީ ބިނާވެފައިވަނީ ތިން މަރުހަލާއެއްގެ މައްޗަށެވެ. ފުރަތަމަ މަރުހަލާގައި މަޝްވަރާކޮށް، އެމެރިކާއާ ދުރުވުމަށް އެ ގައުމުތަކަށް އަންގާނެ ކަމަށާއި، އެގޮތަށް އަމަލުނުކޮށްފި ނަމަ އެ ގައުމެއްގެ މަސްލަހަތުތަކަށް ހަމަލާދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ، އެ ގައުމާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ހަރުކަށި އިގުތިސާދީ އޮޕަރޭޝަން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވާފައި ވަނިކޮށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކަށް އިގުތިސާދީ ގޮތުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވެސް ވަނީ މި އިންޒާރު ތަކުރާރުކުރައްވައި، އެމެރިކާއާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ތިބުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުން އެކްސްޕޯޓުކުރާ ތެލުގެ 80 ޕަސެންޓަށް ވުރެ ގިނައިން ގަންނަ ޗައިނާއިން ވެސް އެމެރިކާއަށް އެއްބާރުލުން ދިނުމަށް އޭނާ ގޮވާލެއްވިއެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަފުސީލު ހޯމަ ދުވަހު ހާމަކުރާނެ ކަމަށް ބެލެވެއެވެ.
އެމެރިކާއިން އަޅަން އުޅޭ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އދ. ގެ މިނިވަން މެންބަރު ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުގައި މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަންކަމާ ގުޅިގެން ނުތަނަވަސްކަން އުފެދިފައިވާއިރު، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކަށް ފަހު އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ތެލާއި ގަސްކާނާ ފަދަ ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނަމަވެސް، އިރާގުގެ ތެޔޯ ޓޭންކަރުތަކަށް އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ، އައިއާރްއެންއޭ އިން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.
އަލްޖަޒީރާގެ ރިޕޯޓަރެއް ކަމަށްވާ ތައުހީދު އަސަދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަނޑުއޮޅީގެ ހާލަތު އަދިވެސް ސާފެއް ނޫނެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ކަނޑުގެ އޮޕަރޭޝަން ހުއްޓާލަންދެން ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް އީރާނުން ބުނެފައިވާ ކަމަށް އޭނާ ރިޕޯޓުކުރިއެވެ. އަދި ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭގޮތުން އޮމާނާއެކު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދި އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، މިސްރުގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި އެ ގައުމުގެ ހާރިޖީ ވަޒީރު ބަދްރު އަބްދުލްއާތީ އާއި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ފޯނުން ގުޅުއްވައި، ސަރަހައްދުގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޑިޕްލޮމެޓިކް މަގަށް އެނބުރި ރުޖޫއަވުމަށާއި، މަސްރަހު ފިނިކުރުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މި ފޯން ކޯލުގައި، މިހާރު ހިނގަމުންދާ ކަންކަމާއި މަޝްވަރާތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އީރާނުން ދެކޭ ގޮތް އަރަގްޗީ ހިއްސާކުރެއްވި ކަމަށް މިސްރުން ބުނެފައިވެއެވެ.
އީރާނުގެ ހާރިޖީ ވަޒީރު އަރަގްޗީ ވަނީ މިސްރުގެ ހާރިޖީ ވަޒީރާ ފޯނުން ގުޅުއްވިކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން، ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރާ ވެސް ފޯނުން ގުޅުއްވައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
