ގަލްފުގެ ގައުމުތަކުން ކަނޑުމަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މުއާހަދާގައި ސޮއިކޮށް ތަސްދީގުކުރަން ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މުއާހަދާގައި ބައިވެރިވާން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ 6 މެންބަރަކު ތިއްބެވިއެވެ. އެ ހަތް މެންބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.

"ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖެއިން ބައިވެރިވެ ސޮއިކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމާފައި ވަނީ އެކަމަށް ރުހުން ދިނުމަށެވެ.

ސައުދީން އިސްވެ އިތުރު 13 ގައުމަކާ ގުޅިގެން މިދިޔަ މަހު އިއުލާނުކުރި މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ، ބާބުލްމަންދަބު ކަނޑުއޮޅި އާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ބައިނަލްއަގުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރިކުރުމެވެ. މި އިއްތިހާދު އުފައްދާފައި ވަނީ، އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫތީން މިދިޔަ ޖުލައި މަހު ސައުދީއާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އުޅަނދުފަހަރަށް ހަމަލާތައް ދީ، ރަތްކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މި އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އިތުރުން ތުރުކީވިލާތް، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެއެވެ. ސައުދީއަކީ މި ކޯލިޝަންގެ އިސް ގައުމުގެ އިތުރުން ދާއިމީ ހެޑްކުއާޓަރެވެ.

ކޯލިޝަން އުފެއްދި ގައުމުތަކުން ހާމަކޮށްފައިވާ ގޮތުގައި، އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ ވެސް އަމިއްލަ ސިޔާދަތީ ނިންމުމެކެވެ. އަދި މި އިއްތިހާދުގެ މަސައްކަތްތައް ކުރިއަށްދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ދައުލަތްތަކުގެ ސިޔާދަތަށް ފުރިހަމައަށް އިހްތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރެވޭ އުސޫލުންނެވެ.