ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި، ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނާ މެދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބަހެއް ހޯދުމަށާއި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެ ޕެޓިޝަން އެޖެންޑާކުރަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ދެ ހުށަހެޅުމަކީ ޕެޓިޝަނާ މެދު އެލްޖީއޭއިން ދެކޭ ގޮތް ލިޔުމުން ހޯދުމަށް މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ހުށަހެޅުއްވި ހުށަހެޅުމާ، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް ޕެޓިޝަން އެޖެންޑާކުރަން ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި ހުށަހެޅުން ހިމެނެއެވެ. މި ދެ ހުށަހެޅުން ވެސް ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މި މަހުގެ 8 ވަނަ ދުވަހު، ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަނުގައި ވަނީ، މި ބިލުގެ ސަބަބުން އާންމުން އިންތިޚާބުކުރާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށް ބުނެފައެވެ. އަދި އާންމު ރައްޔިތުންނަށް ކަންކަމުގައި ބަސްބުނުމުގެ ހައްގު ވެސް ހަނިވެގެންދާނެ ކަމަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

މި ޕެޓިޝަނުގައި ހަފުތާއެއް ތެރޭ 2،100 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އީ ޕެޓިޝަން ގަވައިދު ބުނާގޮތުން 2،100 ސޮއި ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވުމުން، އެ ޕެޓިޝަނެއް ދިރާސާކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވަންޖެހެއެވެ.