އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބުކުރުމަށްފަހު، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގައި ހުކުރު ދުވަހު ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާން ބަލިކުރުމަށްފަހު ވަރަށް އަވަހަށް އެ ކަނޑުއޮޅިއަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 2026 ވަނަ އަހަރުގެ މެދުތެރޭގެ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ޓްރަމްޕް ބޭއްވެވި އެއްވުމެކެވެ.

މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަކުރަމުންދާއިރު، ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ވަނީ ދެ ފަރާތުގެ މެދުގައި ބޮޑު މައްސަލައަކަށް ވެފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރީ މި ކަނޑުއޮޅިންނެވެ. ނަމަވެސް، ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެ ސަރަހައްދުން އުޅަނދުފަހަރު ދަތުރުކުރުން ހިފަހައްޓާފައެވެ.

އެމެރިކާއިން މިހާރު ވަނީ ހޮރުމުޒް ކަނޑުއޮޅީގައި އަމިއްލަ ބްލޮކޭޑެއް ގާއިމުކޮށްފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއިން ގާއިމުކޮށްފައިވާ ބްލޮކޭޑަކީ ފޫއަޅުވާނުލެވޭނެ ފަދަ ވަރުގަދަ ފިޔަވަޅެކެވެ. އަދި އެއީ މުޅި ދުނިޔެއަށް ކޮށްދޭ މުހިންމު ހިދުމަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. މިދިޔަ ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ދެ ފަރާތުން ވެސް އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، ހަމަލާތައް ވަނީ އަލުން ފަށާފައެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދެއްވައި، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބާބާދީ ވިދާޅުވި ގޮތުގައި، ޓްވީޓަކުން ނުވަތަ އިންތިހާބީ ތަގުރީރަކުން ހޮރުމުޒް ކަނޑުއޮޅި އަތުލައިނުގަނެވޭނެއެވެ. އަދި ބާރުގެ ބޭނުންކޮށްގެން ދޭ އިންޒާރުތަކަށް އީރާނުން ބިރުނުގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅީގެ ބައެއް ހިމެނެނީ އެ ގައުމުގެ ސަރަހައްދީ ރޮނގުގެ ތެރޭގައެވެ.

މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން 20 އިންސައްތައިގެ ފީއެއް ނެގުމުގެ ހިޔާލެއް ވެސް ޓްރަމްޕް ވަނީ މީގެ ކުރިން ހުށަހަޅުއްވާފައެވެ. ނަމަވެސް ގާނޫނީ މާހިރުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ވިޔަފާރި އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުކުރުމުގެ ހައްގު ލިބިގެންވާއިރު، އެފަދަ ފީއެއް ނެގުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައަށް އެމެރިކާގެ އާންމުންގެ މެދުގައި ތާއީދު ކުޑަކަން ފާހަގަކުރެވެއެވެ. ޖުލައި މަހުގެ ފަހުކޮޅު ކުއިނިޕިއެކް ޔުނިވާސިޓީން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ ވޯޓުލާ މީހުންގެ 60 އިންސައްތަ މީހުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ ދެކޮޅެވެ. ހަމައެއާއެކު، އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުގެ އިގުތިސާދަށް ގެއްލުންދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ.