އީރާނުގެ ފަރާތުން އޮތް ނުރައްކާތަކަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޖުލައި މަހު ތުރުކީން އިނގިރޭސިވިލާތަށް ސިއްރު އަސްކަރީ ފްލައިޓެއްގައި ވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ވޮޝިންޓަން ޕޯސްޓް އަދި ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސިއްރު އޮޕަރޭޝަން ހިންގާފައިވަނީ ނޭޓޯގެ ސަމިޓަކަށް ޓްރަމްޕް ތުރުކީގެ އަންކާރާއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މި ނޫސްތަކުން ބުނެފައިވަނީ، ޓީވީ ކެމެރާތަކުގެ ކުރިމަތީގައި ޓްރަމްޕް ފުރަތަމަ އަރާވަޑައިގަތީ ގަތަރުން ހަދިޔާކޮށްފައިވާ އާ “އެއާ ފޯސް ވަން” މަތިންދާބޯޓަށް ކަމަށެވެ. ނަމަވެސް އޭގެ މިނެޓުތަކެއް ފަހުން، މަތިންދާބޯޓުތަކަށް ކާބޯތަކެތި އަރުވާ ކޭޓަރިން ޓްރަކެއް މެދުވެރިކޮށް، އޭނާ ވަނީ ސިއްރުން އެހެން މަތިންދާބޯޓަކަށް ބަދަލުވެވަޑައިގެންފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ އީރާނުގެ ފަރާތުން ޓްރަމްޕް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތަކެއް ލިބިފައިވުމާ ގުޅިގެން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ވައިޓް ހައުސްއިން ކުރިން ބުނެފައިވަނީ ޓްރަމްޕް ތުރުކީން ފުރާވަޑައިގަތީ ޖުލައި 8 ވަނަ ދުވަހު އާ އެއާ ފޯސް ވަންގައި ކަމަށެވެ. ނަމަވެސް އޭނާ ހަގީގަތުގައި ދަތުރުކުރެއްވީ ކުރިން ބޭނުންކުރި އެއާ ފޯސް ވަން މަތިންދާބޯޓުގައެވެ.
މި ދަތުރުގައި ޓްރަމްޕާއެކު ދަތުރުކުރި ނޫސްވެރިންނަށްވެސް އޭނާ އިންނެވި ތަނެއް ސިއްރުކޮށްފައިވެއެވެ. އަދި ނޫސްވެރިން ތިބި ކެބިންގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އަންގާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ. ފަހުން ނޫސްވެރިން މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ ނުރައްކާތެރި ދަތުރަކަށް ވުމުން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓްރަމްޕް ދަތުރުކުރެއްވި މަތިންދާބޯޓު އިނގިރޭސިވިލާތަށް ގޮސްފައިވަނީ ރޭގަނޑު 10:20 ގައެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވް ޗިއުންގް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ދުޝްމަނުންގެ ފަރާތުން ރައީސަށް އަމާޒުކޮށް ހަމަލާތައް ރާވަމުންދާ ކަމަށާއި، ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
