ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މިހާރު ތިއްބެވީ އެ މަނިކުފާނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ބޭފުޅުން ކަމަށާއި، މި ސަރުކާރުގެ މަޝްރޫއުތަކަށް ފާޑުކިޔުމުގެ ޖާގަ އެ ބޭފުޅުންނަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ޔާމީނަށާއި އެ މަނިކުފާނުގެ އަރިހުގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޔާމީންއާ މިހާރު އެންމެ ގާތްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް އަމާޒުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ދެ ބޭފުޅުންނަކީ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ދެ ބޭފުޅުން ކަމަށެވެ. އަދި މިހާރު ޔާމީންގެ ދެ ފަރާތްޕުޅުގައި ތިއްބަވައިގެން އެ ބޭފުޅުން ޔާމީނަށް ދޯ ދެއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ މީގެ ކުރިން ޔާމީންގެ ވެރިކަމާ ދެކޮޅަށް އުޅުއްވި ބޭފުޅުން ކަމަށްވާތީ، ގައުމުގައި ހިނގާ ކަންކަމާ ބެހޭ ގޮތުން ވާހަކަދެއްކެވުމުގެ އެއްވެސް ހައްގެއް އެ ބޭފުޅުންނަކަށް ނޯންނާނެއެވެ. “މިސާލަކަށް ސިޓިން ރޫމުގައި ތިއްބަވައިގެން މި 'ދޯ ދެއްވަނީ' އެއް ފަރާތުން ޑރ. ޖަމީލަށް، އަނެއް ފަރާތުން މަލީހަށް. މި ބޭފުޅުންނަށް ކިހިނެއް މި ގައުމުގައި ހިނގާ ކަމެއް އެނގޭނީ،” އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ބޭފުޅުންގެ ކިބައިގައި ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަދައްކަން އެނގޭނީ ހަމައެކަނި މި ސަރުކާރުގެ ބޭފުޅުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހުސައިން ވަހީދުވެސް މިއަދު ހުންނެވީ ޔާމީންގެ އަރިހުގައިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ބަޑި ގުދަނާ ހަވާލުވެ ހުންނެވި ބޭފުޅާ އަނެއްކޮޅުން ނުކުމެވަޑައިގެން މިހާރުގެ ޑިފެންސް މިނިސްޓަރު ގޯސްކޮށް ވާހަކަދެއްކެވުމަކީ ރައްޔިތުން ވިސްނައި ފިކުރުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރު އަޅާކިޔުއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރު އަދުލްއިންސާފަކީ ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުވެފައިވާ ހައްގެއް ކަމަށެވެ. މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޔާމީނަށް ކަމަށާއި، ދާދި ފަހުން ސުޕްރީމް ކޯޓުގައި ހިނގާދިޔަ ޝަރީއަތެއްގައިވެސް ސަރުކާރުގެ ނުފޫޒެއް ނެތްކަން ޔާމީނަށް ސާފުވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޔާމީންގެ ވެރިކަމުގައި ކަންކަން ހިނގި ގޮތް ގާތުން ފެނިވަޑައިގަތް ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން، އޭރު ތިބެން ޖެހުނީ ބިރުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭގެ މިސާލެއްގެ ގޮތުގައި އަބްދުއްރަހީމް ދެއްކެވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުންނާއި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދޫކޮށްލުމަށް އަމުރުކޮށް، 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހިނގައިދިޔަ ކަންތައްތަކެވެ. ވެރިކަމަށް ކުރިމަތިލާން އައިއިރު، ވެރިކަމަށް ނުކުމެދާނެހެން ހީވާ ހުރިހާ އެންމެން ތިބީ ޖަލުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ސިޔާސީ ގޮތުން އެންމެ މީހަކުވެސް މިހާތަނަށް ހައްޔަރުކޮށްފައި ނުވާނެކަން ފާހަގަކުރައްވައި، މިއީ އަނިޔާވެރި ސަރުކާރެކޭ ޔާމީނަށް ވިދާޅުނުވެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.