ރާއްޖެއަށް އެތެރެވާ މުދަލާއި ފަސިންޖަރުން ބަލައިފާސްކުރުމަކީ ގާނޫނުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި، އެ މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިކަން ހާމަކޮށްފައިވަނީ އެ މުއައްސަސާގެ ގާނޫނީ ޒިންމާ 'ކޮމްޕްރަމައިޒް' ވާ ގޮތަށް 'އެމްވީކްރައިސިސް' ކިޔާ ޓެލެގްރާމް ގްރޫޕެއްގެ އިތުރުން ސޯޝަލްމީޑިއާގެ ބައެއް އެކައުންޓްތަކުގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލާފާސްކުރުމަކީ 'ދިވެހިރާއްޖޭގެ ކަސްޓަމްސް ގާނޫނު' (8/2011) ގެ ދަށުން އެ ސާވިސްއާ މަތިކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މި މަސައްކަތްތައް ކުރުމަށް ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން އިތުރަށް ބަޔާންކުރި ގޮތުގައި، އެ މުއައްސަސާއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޢާޔަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރެއް 'ފިޒިކަލީ' ބަލައިފާސްކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ފިޔަވަޅުތައް އެގޮތުގައި ތަންފީޒުކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ބޯޑަރުން ހިފެހެއްޓުމާއި، ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް އެ މުއައްސަސާއިން ހާމަކުރެއެވެ.

ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ މުއައްސަސާއިން ބުނީ ބޯޑަރު ބެލެހެއްޓުމުގައި ކުރަންޖެހޭ ކަންކަން ގާނޫނާއި އުސޫލުތަކުގެ ތެރެއިން ސާބިތުކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.