އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ތާވަލުކުރެވިފައިވާތީ، މާލޭގެ ބައެއް ސަރަހައްދުތަކުގެ ބަސް ދަތުރުތަކަށް ބަދަލު ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތަށްޓަކައި، ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން އިއްޒުއްދީން މަގާ ހަމައަށް އޮންނަ ސަރަހައްދު ހޯމަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާ ގުޅިގެން އާރުޓީއެލް މާލޭ ބަސް ރޫޓުތަކަށް ވަނީ އަންނަނިވި ބަދަލުތައް ގެނެސްފައެވެ:

  • އާރު1، އާރު3، އާރު7 އަދި އާރު15 ރޫޓު: މި ރޫޓުތަކުގެ ބަސްތައް މާލޭގައި އެންމެ ފަހުން މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ.
  • އާރު10 (އޯކިޑް ރޫޓު): މި ރޫޓުގެ ދަތުރުތައް ފަށާނީ އަދި ނިންމާނީ ވެސް ވެސްޓް ޕާކް ބަސް ހުއްޓިއަށެވެ. މި ބަދަލާއެކު ސޯޝަލް ސެންޓަރު، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިތަކަށް މިވަގުތު ބަސް މަޑެއް ނުކުރާނެއެވެ.
  • އާރު11 (އަމީނީ ރޫޓު): މި ރޫޓުގެ ޚިދުމަތް މި މުއްދަތުގައި ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

މި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.