ކަނޑައެޅިފައިވާ މުއްދަތުގައި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހަޅާފައި ނުވާތީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އެމްޓީސީސީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި، އެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ގަވާއިދުން ހުށަހަޅާފައި ނުވާތީއެވެ.

އެމްޓީސީސީން އާންމުކުރަންޖެހޭ މާލީ ތިން ރިޕޯޓެއް އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ލަސްވެގެން މާޗް 10ގެ ކުރިން އާންމުކުރަންޖެހޭ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ހިސާބު، މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބު އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބެވެ.

ކަނޑައެޅިފައިވާ ތާރީހުތަކުގައި މާލީ ހިސާބުތައް ހާމަނުކުރެވުމުގެ ސަބަބުން، އެމްޓީސީސީން ވަނީ އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށް އެދިފައެވެ. އެމްޓީސީސީއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާތީ، މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރުމަކީ ގާނޫނީގޮތުން ލާޒިމުކަމެކެވެ.