ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ ރޭހަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ނުކުންނަވައިފިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ރައީސް މުއިއްޒު ލީޑް ކުރައްވާ ޕީއެންސީއަކީ ރާއްޖޭގައި މިވަގުތަށް އެންމެ ގިނަ މެންބަރުން އެކުލެވޭ ޕާޓީވެސް މެއެވެ.
މި އިންތިހާބުގައި ހޮވާ އެ ޕާޓީގެ ނައިބު ކަމަށް މިހާރުވެސް ވަނީ ޖުމުލަ ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި އަސްމާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފްވެސް ހިމެނިވަޑައިގަންނަވައެވެ.
ދެން އިންތިހާބުގައި ވާދަ ކުރައްވަނީ:
- ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
- ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
މީ ބޭފުޅުންގެ އިތުރުން މިހާރުވެސް ޕީއެންސީގެ ނައިބުގެ މަގާމު ފުރުއްވަމުންދާ މިނިސްޓަރު ޝިޔާމްވެސް ވަނީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބައެއް ފަރާތްތަކުން ޝިޔާމަށް ކެމްޕެއިންވެސް ކުރަމުން ދެއެވެ. ޝީޔާމްގެ އިތުރުން ސައީދާއި މުންދުއާއި ޝުޖާއު މިހާރު ވެސް ތިއްބެވީ ޕީއެންސީގެ ނައިބު ކަމުގެ މަގާމުގައެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައިވާގޮތުން، ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބު ކުރަންޖެހެއެވެ. އަދި އެއަށްވުރެ އިތުރަށް އިންތިހާބުގައި ވާދަ ކުރާނަމަ ވޯޓަކަށް ދާން ޖެހޭނެއެވެ.
ކޮންގްރެސް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އިއުލާންކޮށްފައި ނުވާއިރު ދާދި ފަހުން ވަނީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބު ބާއްވާފައެވެ. އެ އިންތިހާބުގެ 25،00 އަށްވުރެ ގިނަ މަގާމުތަކަށް މީހުން ވަނީ އިންތިހާބުކޮށްފައެވެ.
