ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، މިނިސްޓާ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ރާފިއު ކުރިމަތިލައްވައިފިއެވެ.

އަސްމާ ރަޝީދު މި މަގާމަށް ކުރިމަތިލައްވާކަން ހާމަކުރެއްވީ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ. މިނިސްޓަރު ރާފިއު މި މަގާމަށް ކުރިމަތިލައްވާކަން ހާމަކުރެއްވީ މީސް މީޑިއާ މެދުވެރިކޮށް އާންމު ކުރި ހާއްސަ މެސެޖެއްގައެވެ. އަސްމާ އަދި ރާފިއުގެ މެސެޖުގައި ވެސް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ފަރާތުން އިންތިހާބުކުރާ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާކަން ބަޔާންކުރައްވައި، ސެނެޓުގެ ހުރިހާ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައިވެއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގައި ހަ ނައިބު ރައީސުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އަސްމާ އާއި ރާފިއުއާއެކު މިހާތަނަށް ޖުމްލަ ހަ ބޭފުޅަކު ވަނީ މި މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އަސްމާ އަދި ރާފިއު ގެ އިތުރުން މި މަގާމަށް ވާދަކުރައްވާނެކަން ކުރިން އިއުލާނު ކުރެއްވި ހަތަރު ބޭފުޅުންނަކީ:

  • އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސައީދު
  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް
  • ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ

މިއާއެކު މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މުހައްމަދު ސައީދާއި، އިބްރާހީމް ޝުޖާއު އަދި މުހައްމަދު ހުސައިން ޝަރީފް ވާދަ ކުރައްވާނީ ދެވަނަ ދައުރަކަށެވެ. ނަމަވެސް މިހާރު ތިއްބެވި އަނެއް ތިން ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރުު އަހްމަދު ޝިޔާމާއި، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އަދި ޑިފެންސް މިނިސްޓަރުު މުހައްމަދު ގައްސާން މައުމޫން އަލުން ކުރިމަތިލައްވާނެކަން އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.