ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން، ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ނިންމަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުންދު ވިދާޅުވީ، އޭނާ އެ މަގާމަށް ކުރިމަތިލާން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2028 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންތިހާބުކުރުމުގެ މަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރުމަށެވެ.

އަދި ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމުގައި ހުންނެވުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ވެސް މެންބަރުންގެ ތާއީދާއެކު ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގަތްކަން މުންދު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މުންދު ވަނީ މީގެ ކުރިން ސްރީލަންކާ އަދި ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ އިތުރުން ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ކޮއްކޯފުޅު ސައުދާ ވެސް ވަނީ ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގައި ނައިބު ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. ސައުދާ ވިދާޅުވި ގޮތުގައި، އޭނާ އެދިވަޑައިގަންނަވަނީ ޕާޓީގެ މަތީ މަޖިލީހުން އިންތިހާބުކުރާ މި މަގާމަށް މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާއީދަށެވެ.

2009 ވަނަ އަހަރު އަދާލަތު ޕާޓީގެ އަންހެނުންގެ ކޮމިޓީގައި މަސައްކަތްކުރެއްވި ސައުދާ ވަނީ 2015 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންފައެވެ. އަދި 2016 ވަނަ އަހަރު އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ނިމިދިޔަ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު، ސައުދާ އަންނަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ އިތުރުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް މަސައްކަތްކުރައްވަމުންނެވެ.

ޕީއެންސީގެ ކޮންގްރެސް ކުރިން ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އޮކްޓޯބަރު މަހުގައެވެ. ނަމަވެސް އެ ދުވަސްވަރު އޯލެވެލް އިމްތިހާނާ ދިމާވާތީ، ރައީސް މުއިއްޒުގެ ހުށަހެޅުއްވުމަކަށް ޕާޓީގެ ސެނެޓުން ވަނީ ކޮންގްރެސް ބާއްވާ ތާރީހު އަވަސްކުރަން ފާސްކޮށްފައެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންގްރެސް އަވަސްކުރަން ފާސްކުރީ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް، ކޮންގްރެސް ބާއްވާނެ ސީދާ ތާރީހެއް ޕާޓީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.