އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ 13 މެމްބަރުންގެ ސޮޔާއެކުއެވެ. އެގޮތުން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ބޭރު ފައިސާ (ޑޮލަރު) ގެ ދަތިކަން ހައްލުކުރުމުގައި މިނިސްޓަރު ސައީދު ނުކުޅެދިވަޑައިގެންފައިވާ ކަމަށެވެ.

އެމްޑީޕީން ވަނީ ގާނޫނުއަސާސީން މިނިސްޓަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ސައީދު އިހުމާލެވެފައިވާކަމަށާއި، އިގްތިސާދު އިސްލާހުކުރާނެ ރަނގަޅު ސިޔާސަތެއް ތަންފީޒުނުކުރުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21ރ އަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ވެސް ބުނެފައެވެ.

މީގެއިތުރުން އެމްޑީޕީގެ ގަރާރުގައި ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އާއި ވަސީލަތްތައް އިސްރާފުކުރައްވާފައިވާކަން ފާހަގަކޮށް އެ ޕާޓީން ވަނީ ހިދުމަތް ނުފެށިގެން އުޅޭ ޑިވެލޮޕްމެންޓް ބޭންކަށް މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް ބުނެފައެވެ.

އިތުރަށް އެމްޑީޕީން ވަނީ ސައީދު ވަނީ މަޖިލީހަށް ހާޒިރުކޮށް، އޭނާއާ މެމްބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި މަސްއޫލިއްޔަތުން ސަލާމަތްވުމަށް މަސައްކަތްކުރައްވާފައިވާކަމަށް ބުނެފައެވެ.

ނަމަވެސް މި ކަމާ ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިނިސްޓަރ ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީއަށް ގަބޫލު ކުރެވެނީ އެ ޕާޓީގެ ވެރިކަމުގައި ނުހެދުނު އެތައް ފްރީ ޓްރޭޑް އެގްރީމެންޓެއް އަވަށްޓެރި ގައުމުތަކާއެކު ހެދި، ދިވެހި ރައްޔިތުންނަށް އެ އެގްރީމެންޓްތަކުގެ ދަށުން އެތައް ފައިދާއެއް ލިބެމުން އަދި ލިބޭނެތީ އެކަމާ އެމްޑީޕީން "ހަޖަމު" ނުވެގެން ކަމަށެވެ.

އެއާއެކު ޝުޖާއު ވަނީ މި މައްސަލަ ފެއިލް ކޮށްލާނެކަމުގައި ވިދާޅުވެފައެވެ.

މީގެކުރިން އެމްޑީޕީން ވަނީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި މިހާރުގެ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ނަމަވެސް އެ މައްސަލަ ފާސްކޮށްފައެއް ނުވެއެވެ.