ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ.

މިއީ މި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، މުހައްމަދު ޝަރީފް މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ މިއަދުން ފެށިގެންނެވެ. މިއީ އޭޝިއާ ސަރަހައްދުގެ ބޭންކިން ދާއިރާގައި ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލް އިން ފާހަގަކުރެއެވެ.

މުހައްމަދު ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ ލީޑާޝިޕްގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އޭނާގެ ލީޑާޝިޕަށް އޮތް އިތުބާރުގެ ބޮޑުކަމުން، 2025 ވަނަ އަހަރު އަލުން ވައިސް ޗެއާމަންގެ މަގާމަށް އައްޔަން ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި އައްޔަންކުރެއްވުމާ ގުޅިގެން ޝަރީފް ވިދާޅުވީ، އޭބީއޭގެ ބޯޑާއި މެންބަރު ބޭންކުތަކުން އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. "އަޅުގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިންގ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން،" ޝަރީފް ވިދާޅުވިއެވެ.

އޭބީއޭގެ ސެކްރެޓަރީ-ޓްރެޝަރާ ޑރ. ޑާސަން ޗިއު ވަނީ ޝަރީފަށް މަރުޙަބާ ދަންނަވައި، އެސޯސިއޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި މާލީ މުއައްސަސާތައް ތަމްސީލުކުރާ އެންމެ އިސް ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ސިޔާސަތުތައް އެކުލަވާލުމާއި، ބޭންކިން ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ.

މި ހަބަރާއެކު، މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.