މީގެ ކުރިން 2019 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ އަބްގައިގް ތެޔޮ ސާފުކުރާ ކާރުހާނާއަށް ދިން ވަރުގަދަ ހަމަލާއަކީ އެ ގައުމުގެ ތެޔޮ އުފެއްދުމުގެ ދެބައިކުޅަ އެއްބައި ހުއްޓުމަކަށް ގެނުވި ހާދިސާއެކެވެ. އެ ހަނދާންތައް އަދިވެސް ސައުދީގެ އޮފިޝަލުންގެ ކިބައިގައި ހުންނާނެ ކަމަށް ސީއެންއެން އިން ރިޕޯޓުކުރެއެވެ. އޭރު ސައުދީން ރައްދުގައި އަސްކަރީ ހަމަލާއެއް ނުދެއެވެ. ނަމަވެސް މިއަދު މަންޒަރު ވަނީ ބަދަލުވެފައެވެ. ފަސް މަސް ދުވަސް ވަންދެން ސަރަހައްދީ ހަނގުރާމައެއްގައި ބައިވެރިނުވެވޭތޯ ސައުދީން ކުރި މަސައްކަތް ނާކާމިޔާބުވެ، އެ ގައުމު މިވަނީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަދެފައެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާއަށް މިހާރު ވަނީ ތިން ފަރާތަކުން ނުރައްކާ ކުރިމަތިވެފައެވެ. އެއީ އީރާނާއި، އިރާގުގައި ތިބި އީރާނަށް ވާގިވެރިވާ ހަނގުރާމަވެރިންނާއި، ޔަމަނުގެ ހޫތީންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާއާއި ސައުދީ ގުޅިގެން ވަނީ އިރާގުގެ އިރުމަތީގައިވާ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދީފައެވެ. މިއީ އިރާގުން ސައުދީގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން ދިން ރައްދު ހަމަލާތަކެއް ކަމަށް ސައުދީގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.
އެމެރިކާއާއި އީރާނުގެ ސީދާ ކުރިމަތިލުންތައް
ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާތަކަކާ ގުޅިގެން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެތައް އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ސެންޓްކޮމް އިން ބުނެފައިވެއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ ގޭޝްމް ރަށުން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. މީގެ އިތުރުން، އިރާގުގައި އެމެރިކާއާއި ސައުދީން ދިން ހަމަލާތަކުގައި ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) ގެ 20 މީހަކު މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެފައެވެ. ބީބީސީން ރިޕޯޓުކުރާ ގޮތުގައި، ޓްރަމްޕް ވިދާޅުވީ އިރާގުގައި ދިން ހަމަލާތަކަކީ އިރާގު ސަރުކާރާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް އިރާގުގެ ރިޔާސީ ގަނޑުވަރުން ވަނީ އެކަން ދޮގުކޮށް، އެއީ އިރާގުގެ ސިޔާދަތަށް އެރި އެރުމެއް ކަމަށް ބުނެފައެވެ.
އިގުތިސާދީ މަގުތައް ބަންދުވުން
ހަނގުރާމައިގެ އަސަރު މުޅި ސަރަހައްދުގެ އިގުތިސާދަށް ދަނީ ކުރަމުންނެވެ. ސީއެންއެން އިން ފާހަގަކޮށްފައިވާ ގޮތުގައި، ހޫތީން ވަނީ ރަތް ކަނޑުގައި ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފައެވެ. މިއީ ސައުދީގެ ތެޔޮ އެކްސްޕޯޓުކުރުމަށް އޮތް ބޮޑު ހުރަހެކެވެ.
އަނެއްކޮޅުން، ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމަށް އޮމާނުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ވަނީ ދެކޮޅުހަދާފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ހާރިޖީ ވުޒާރާގެ ނައިބު ކާޒިމް ގަރީބާބާދީ ވިދާޅުވީ، އީރާނުން ހުށަހަޅާ ގޮތަށް ގަބޫލުނުކުރާހާ ހިނދަކު އެ ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އިސްވެ އޮވެ 34 ގައުމަކުން ހޮރުމުޒް ކަނޑުއޮޅި ސާފުކުރުމަށް ހިންގާ ހަރަކާތުގައި ބައިވެރިވާ ކޮންމެ އުޅަނދަކީ ހަމަލާދެވޭނެ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަސްޕިއަން ކަނޑުގައި ވެސް ވަނީ ހަމަލާއެއް ބަދަލުކުރެވިފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫކްރެއިނުން ދިން ހަމަލާއެއްގައި އީރާނުގެ އާގުބޯޓަކަށް ގެއްލުންވެ، އެކަކު މަރުވެފައިވެއެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، މިއީ ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށް ޔޫކްރެއިނުން ވަނީ ބުނެފައެވެ.
ސީއެންއެން އިން ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ޗައިނާ މެދުވެރިވެގެން ސައުދީއާއި އީރާނާ ދެމެދު ގާއިމުކުރި ގުޅުން މިހާރު ވަނީ ނާޒުކު ފައްތަރެއްގައެވެ. ހަނގުރާމައިގެ ސަބަބުން ސައުދީގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، 2018 ވަނަ އަހަރަށްފަހު އެ ގައުމަށް އެންމެ ބޮޑު މާލީ ދަރަންޏަކާ ކުރިމަތިލާން ޖެހުނީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައެވެ. ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި، ހަމަލާތަކަށް ކެތްކުރެވޭނީ ވަކި ވަރަކަށް ކަމަށް ސައުދީން މިހާރު ވަނީ ނިންމާފައެވެ.
