ޖާގަ ބޮޑު، ވަސީލަތްތައް ފުރިހަމަ ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުއްޓަށް ބަދަލުކޮށް އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެއްވުމުގެ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށެވެ.

އަދި ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އުފުލުމުގެ ކަންކަން ކުރިއަށްދާނީ މާލޭގެ އެތެރޭގެ ދަތުރުފަތުރަށް ދަތިނުވާގޮތަށްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަލަށް ތަރައްޤީކުރެވޭ ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަމިއްލަ ވިޔަފާރިވެރިންނަށް ބޮޑެތި އިންސެންޓިވްތަކެއް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓު ހިންގާ ސަރަޙައްދުގައި ފިހާރަތައް ހުޅުވުމުގެ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.

މާލޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ނިމޭއިރު ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ލޯންޗުތައް ބޭނުންކުރާ ސަރަހައްދުގައި އިތުރު ފިންގަރ ޖެޓީތައް ޤާއިމުކޮށް، ލަފާފުރުން މިހާރަށްވުރެ ފަސޭހަކުރެވޭނެކަމަށާއި، މި މަސައްކަތްތައް ކުރިއަށްދާނީ މާލޭ ރިންގް ރޯޑުގެ އެމްޕީއެލް އިން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ހެދުމުގެ މަސައްކަތާއެކުގައިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ މިނިވަން ދުވަހު އެމަނިކުފާނު ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅަށް ރައްދުވި ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ވިދާޅުވާކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަނާއި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ މިހާރު ވެސް ތަފާސްހިސާބުތަކުން ފެންނަމުންދާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ ގައުމުގެ ކަންކަން އިސްލާހުކުރުމުގެ ހެޔޮ ނިޔަތުގައި، އިހުލާސްތެރިކަމާއެކު ދެއްކި ވާހަކަތަކެއްކަމަށެވެ.