ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ދާއިރާއަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ފައިނޭންސިން ފެސިލިޓީއެއް މިއަދު ތައާރަފުކޮށްފިއެވެ. "ލިވަބޯޑް ފައިނޭންސް" ގެ ނަމުގައި ތައާރަފުކުރި މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 ޕަސެންޓްގައި ދޫކުރާ ފެސިލިޓީއެކެވެ.

ލިވަބޯޑް ފައިނޭންސް ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކޮށް ޒަމާނީ ކުރުމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބާ އުޅަނދުފަހަރު އާބާތުރަ ފިލުވައި އާ އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދެވެ. އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ. ފައިސާ އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެންނެވެ. މީގެ ސަބަބުން އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮޕަރޭޓަރުންނަށް ލިބޭނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.

މި ފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ލިވަބޯޑް އުޅަނދުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް ދާއިރާއެވެ. އަދި އަލަށް ތައާރަފް ކުރި މި ފެސިލިޓީއަކީ މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ހަރަދުތައް ހިނގާ ގޮތަށް ބަލައި، ޚާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ތައާރަފުކުރި މި ފައިނޭންސިންެ ސަބަބުން، ފްލީޓް އާކުރުމަށް ބޭނުންވާ ތަޖުރިބާކާރު އޮޕަރޭޓަރުންނަށާއި، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައުސްމާލު ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.