1985 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ސާކް (ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން) އުފެއްދީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އިގުތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގުޅުން ބަދަހިކުރުމުގެ ފޮނި އުންމީދުގައެވެ. ދަނޑުވެރިކަމާއި، ރަށްފުށުގެ ތަރައްގީއާއި، މުވާސަލާތީ ގުޅުމާއި، މޫސުމާބެހޭ ދިރާސާތަކުގެ އިތުރުން ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ފެށި މި ޖަމިއްޔާއަކީ ދުނިޔޭގެ އާބާދީގެ 24 އިންސައްތަ ނުވަތަ 1.9 ބިލިއަން މީހުން ތަމްސީލުކުރާ ޕްލެޓްފޯމެކެވެ. ގާތްގަނޑަކަށް 5 ޓްރިލިއަން ޑޮލަރުގެ ޖީޑީޕީއެއް ހިއްސާކުރާ މި ސަރަހައްދުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މި ޖަމިއްޔާ މިއަދު އޮތީ ފުރިހަމަ ނުކުޅެދުންތެރި ކަމެއްގެ ތެރޭގައެވެ.

1987 ވަނަ އަހަރު ނޭޕާލްގެ ކަތަމަންޑޫގައި ސާކްގެ ސެކްރެޓޭރިއަޓް ގާއިމުކޮށް، 1992 ވަނަ އަހަރު ސާކް ވިސާ އެގްޒެމްޕްޝަން ސްކީމް ތައާރަފުކުރުން ފަދަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، 2014 ވަނަ އަހަރު ކަތަމަންޑޫގައި ބޭއްވި 18 ވަނަ ސަމިޓަށްފަހު، ސާކްގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވިފައެއް ނުވެއެވެ.

މެންބަރު ގައުމުތަކުގެ މެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާއި، ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ޖަމިއްޔާގެ ހަރަކާތްތައް ވަނީ އެއްކޮށް ހުއްޓިފައެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ވާދަވެރިކަމާއި ސަމިޓްތައް ހުއްޓުން

ސާކްގެ ހަރަކާތްތައް އެއްކޮށް ހުއްޓުމަކަށް އައުމުގެ މައިގަނޑު ސަބަބަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ވާދަވެރިކަމެވެ. 2016 ވަނަ އަހަރުގެ ނޮވެންބަރު މަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވަން ތާވަލުކުރި 19 ވަނަ ސާކް ސަމިޓް ކެންސަލްކުރަން ޖެހުނީ، އިންޑިއާގެ އޫރީގައި ހުރި ލަޝްކަރީ މަރުކަޒަކަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާން ކަމަށް ތުހުމަތުކޮށް، އިންޑިއާއިން ވަނީ ސަމިޓް ބޮއިކޮޓް ކޮށްފައެވެ.

ސާކްގެ ޗާޓަރު ބުނާ ގޮތުން އެއްވެސް ނިންމުމެއް ނިންމޭނީ ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށްވާއިރު، އިންޑިއާގެ ނިންމުމާއެކު ސަމިޓް ހުއްޓުނެވެ. އިންޑިއާއާ ގުޅިގެން ބަންގްލަދޭޝް، ބޫޓާން، އަދި އަފްގާނިސްތާނުންވެސް ސަމިޓުގައި ބައިވެރިނުވާން ނިންމިއެވެ. ފަހުން ސްރީލަންކާއާއި ރާއްޖެއިންވެސް ވަނީ ސަރަހައްދުގެ މާހައުލު އޮތް ގޮތުން ސަމިޓް ބޭއްވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ތަކުރާރުކޮށް ބުނަމުންދަނީ، ޕާކިސްތާނުން ޓެރަރިޒަމަށް ވާގިވެރިވުން ހުއްޓާނުލާހާ ހިނދަކު ސާކްގެ ތެރެއިން ސަރަހައްދީ އެއްބާރުލުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހަމަ އެގޮތަށް ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިއާއިން ދަނީ ސާކްގެ ޕްލެޓްފޯމް ބޭނުންކޮށްގެން ޕާކިސްތާން އެކަހެރިކުރުމަށް މަސައްކަތް ކުރަމުންނެވެ.

2006 ވަނަ އަހަރު ސޮއިކުރި ސާފްޓާ (ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ) އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރަން ރޭވި ނަމަވެސް، މި ސިޔާސީ ކޯޅުމުގެ ސަބަބުން އެކަން ވަނީ ނާކާމިޔާބު ވެފައެވެ. މީގެ އިތުރުން، 2021 ވަނަ އަހަރު އަފްގާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވުމަކީވެސް ސާކްއަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. ޕާކިސްތާނުން ތާލިބާނުންނަށް ސާކްގައި ބައިވެރިވުމުގެ ފުރުސަތު ދޭން ބޭނުންވާއިރު، އެހެން ގައުމުތަކުން ވަނީ އެކަމާ ދެކޮޅުހަދާފައެވެ. މިހާތަނަށް ސާކްގެ އެއްވެސް ގައުމަކުން ތާލިބާން ސަރުކާރު ބަލައިގަނެފައެއް ނުވެއެވެ.

ރާއްޖެއާއި ބަންގްލަދޭޝްގެ މެދުވެރިވުމުގެ ހުށަހެޅުންތައް

މި މައްސަލަ ހައްލުކޮށް ސާކް އަލުން ދިރުވުމަށް ސަރަހައްދުގެ އެހެން ގައުމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި 43 ގައުމެއްގެ 113 ޑިޕްލޮމެޓުންގެ ކުރިމަތީގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސާކްގެ އިސްވެރިން އަލުން ސަމިޓްތައް ބާއްވާ ހިސާބަށް ކަންކަން ގެންދަން ޖެހެއެވެ.

“މިކަމުގައި ހިޔާލުތަފާތުވުން އުފެދިފައިވާ ފަރާތްތަކަށް ރާއްޖެއިން ގޮވާލަނީ، ސަރަހައްދީ ތަރައްގީއާއި ސުލްހަޔަށްޓަކައި އެކަންކަން އެއްފަރާތްކޮށް، މަޝްވަރާގެ މޭޒުދޮށަށް އައުމަށް،” ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި ދަތިތަކެއް ހުރިނަމަ، މެދުވެރިއެއްގެ ދައުރު އަދާކޮށް އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ބަންގްލަދޭޝްގެ ނިމިދިޔަ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރުކަމުގައި ހުންނެވި މުހައްމަދު ޔޫނުސް ވެސް ވަނީ ސާކް އަލުން ހިނގައިގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޔޫނުސް ވިދާޅުވި ގޮތުގައި، ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ހުރަސްތަކާއެކުވެސް ސާކްގެ އޮނިގަނޑު އޮތީ ސަލާމަތުންނެވެ. “އާސިއާނުން އެ ސަރަހައްދަށް ހޯދައިދިން ފަދަ ކުރިއެރުމާއި ލާބަ، އަޅުގަނޑުމެންގެ ސަރަހައްދުގެ އެތައް މިލިއަން ރައްޔިތުންނަށް ހޯދައިދިނުމުގެ ގާބިލުކަން ސާކްގައި އަދިވެސް އެބައޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،” ޔޫނުސް ވިދާޅުވިއެވެ.

ސަރަހައްދީ ވިޔަފާރީގެ ތަފާސްހިސާބުތަކާއި ގެއްލުން

ސާކް ހުއްޓިފައި އޮތުމުގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަނީ ސަރަހައްދީ ވިޔަފާރިއަށެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި އުޅެނީ މުޅި ސަރަހައްދުގެ ޖުމްލަ ވިޔަފާރީގެ އެންމެ 5 އިންސައްތައިގައެވެ. މިއީ ޔޫރަޕިއަން ޔޫނިއަން (68 އިންސައްތަ)، ނާފްޓާ (40 އިންސައްތަ) އަދި އާސިއާން (27 އިންސައްތަ) އާ އަޅައި ބަލާއިރު ވަރަށް ދަށް އަދަދެކެވެ. 2018 ވަނަ އަހަރު ސާކް ގައުމުތަކުގެ މެދުގައި ކުރެވުނު ވިޔަފާރީގެ އަގަކީ ގާތްގަނޑަކަށް 29 ބިލިއަން ޑޮލަރެވެ. 2024 ވަނަ އަހަރު ސާކް ގައުމުތަކުން ދުނިޔޭގެ އެހެން ގައުމުތަކަށް 462 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ސަރަހައްދުގެ އެތެރޭގައި ކުރެވުނު ވިޔަފާރީގެ ނިސްބަތް ވަރަށް ކުޑައެވެ. އެމެރިކާއާއި ސާކް ގައުމުތަކާ ދެމެދު 2024 ވަނަ އަހަރު 155.5 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވިފައިވާއިރު، ސަރަހައްދުގެ އެތެރޭގެ ވިޔަފާރި އޮތީ ފަހަތުގައެވެ.

ސިޔާސީ މައްސަލަތަކުގެ ސަބަބުން އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރި ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. 2018 ވަނަ އަހަރު މި ދެ ގައުމުގެ ދެމެދުގައި 2.41 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވުނު ނަމަވެސް، 2024 ވަނަ އަހަރާ ހަމަޔަށް އައިއިރު މި އަދަދު ވަނީ 1.2 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. އަދި 2024 ވަނަ އަހަރު ޕާކިސްތާނުން އިންޑިއާއަށް އެކްސްޕޯޓު ކޮށްފައި ވަނީ އެންމެ 480،000 ޑޮލަރުގެ މުދަލެވެ. ސާކްގެ އެތެރޭގެ ވިޔަފާރީގެ 83 އިންސައްތަ އެކްސްޕޯޓު އަދި 81 އިންސައްތަ އިމްޕޯޓު ހިއްސާކުރަނީ އިންޑިއާއިންނެވެ. އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކޭޕް) ގެ ދިރާސާތަކުން ދައްކާ ގޮތުގައި، ސާކްގެ ތެރެއިން ވިޔަފާރީގެ ހުރަސްތައް ނައްތާލެވިއްޖެނަމަ، ސަރަހައްދީ ވިޔަފާރީގެ އަގު 170 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެމެރިކާއިން 2025 ވަނަ އަހަރު ތައާރަފުކުރި އާ ޓެރިފް ނިޒާމުގެ ދަށުން، އިންޑިއާގެ މެޝިނަރީއާއި ބޭހުގެ ބާވަތްތަކުން 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ޓެރިފް ނަގަން ފަށާފައިވާއިރު، ބަންގްލަދޭޝްގެ އަންނައުނުން 37 އިންސައްތަ އަދި ޕާކިސްތާނުގެ ޓެކްސްޓައިލް އިން 25 އިންސައްތަ ޓެރިފް ނަގަން ވަނީ ފަށާފައެވެ. މިފަދަ ބޭރުގެ ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި އެތެރޭގެ ވިޔަފާރި ވަރުގަދަކުރުމަކީ މިހާރު ދެކުނު އޭޝިއާއަށް މަޖުބޫރު ކަމެކެވެ.

ސިޔާސީ މަންފާއާއި ބިމްސްޓެކްގެ ކުރިއެރުން

ސާކް ހުއްޓިފައި އޮތުމުން ސިޔާސީ ގޮތުން އެންމެ ބޮޑު މަންފާއެއް ހާސިލުކުރަނީ ކޮން ބައެއްތޯ މިއީ އުފެދޭ މުހިންމު ސުވާލެކެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، މިކަމުގެ ސަބަބުން އިންޑިއާއަށް ވަނީ ޕާކިސްތާން އެކަހެރިކޮށް، ސަރަހައްދުގެ އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް އާ މަގުތަކެއް ހޯދުމުގެ ފުރުސަތު ލިބިފައެވެ. މިގޮތުން އިންޑިއާއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޕާކިސްތާން ނުހިމެނޭ ގޮތަށް އުފައްދާފައިވާ ސަރަހައްދީ ޖަމިއްޔާ، ބިމްސްޓެކް (ބޭ އޮފް ބެންގޯލް އިނިޝިއޭޓިވް ފޯ މަލްޓި-ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން) ކުރިއެރުވުމަށެވެ. ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، މިޔަންމާ، ނޭޕާލް، ސްރީލަންކާ އަދި ތައިލެންޑް ހިމެނޭ މި ޖަމިއްޔާ މެދުވެރިކޮށް އިންޑިއާއިން ދަނީ އިގުތިސާދީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކުރަމުންނެވެ. ބިމްސްޓެކްގެ ތެރެއިން އިންޑިއާއިން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ފަސޭހަވެގެންދެއެވެ.

އަނެއްކޮޅުން، ސާކް ނުކުޅެދޭ ހާލަތަކަށް ދިއުމަކީ ސަރަހައްދުން ބޭރުގެ ބާރުތަކަށް، ހާއްސަކޮށް ޗައިނާއަށް ދެކުނު އޭޝިއާގައި 'ފުޅާކޮށް ހަރަކާތްތެރިވާން' ލިބުނު ރަނުގެ ފުރުސަތެކެވެ. ސާކްގެ އޮބްޒާވަރެއްގެ ގޮތުގައި އޮތް ޗައިނާއިން ބޭނުންވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެންބަރަކަށް ވުމަށެވެ. ނަމަވެސް އިންޑިއާއިން އެކަމަށް ހުރަސްއަޅައެވެ. ސަރަހައްދީ އެއްބާރުލުމުގެ އޮނިގަނޑެއް ނެތުމުން، ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި ރާއްޖެ ފަދަ ގައުމުތަކުން ވަނީ އުމްރާނީ ތަރައްގީއާއި އިގުތިސާދީ އެހީތެރިކަން ހޯދުމަށް ޗައިނާއާއެކު ވަކިވަކިން ގުޅުން ބަދަހިކުރަން ފަށާފައެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ދެކުނު އޭޝިއާގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން ދާއިރު، މިއީ އިންޑިއާއަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު ދެކުނު އޭޝިއާގެ އިގުތިސާދީ ކުރިއެރުން 5.8 އިންސައްތައަށް ދަށްވާނެއެވެ. ސަރަހައްދީ ގުޅުން ހީނަރުވެފައި އޮތުމުން، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް ދެކުނު އޭޝިއާގެ ގައުމުތަކަށް އޮތް ގާބިލުކަން ވަނީ ކުޑަވެފައެވެ. ރާއްޖެއާއި ބަންގްލަދޭޝް ފަދަ ގައުމުތަކުން ސާކް ދިރުވުމަށް ގޮވާލަމުންދާއިރު، އިންޑިއާއާއި ޕާކިސްތާނުގެ މައްސަލަތަކަށް ހައްލެއް ނުލިބި، ސަރަހައްދުގެ ހަގީގީ ތަރައްގީ އޮތީ މަޑުޖެހިފައެވެ.