ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން - ސާކް) ގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެސް، ސަރަހައްދީ އެއްބާރުލުމަށް ހުރަސްއަޅަނީ ކޮން ގައުމަކުންކަން ދެކުނު އޭޝިއާގެ ހުރިހާ އެންމެންނަށްވެސް އެނގޭނެ ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާއިން މިހެން ބުނެފައިވަނީ، ސާކްގެ ހަރަކާތްތައް އަލުން ފެށުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވާ ގޮވާލުމާ ގުޅިގެންނެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިކަން ހާމަކުރެއްވީ، އެ މިނިސްޓްރީން އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޖައިސްވާލް ވިދާޅުވި ގޮތުގައި، ސަރަހައްދީ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އިންޑިއާއިން އަބަދުވެސް ތާއީދުކުރެއެވެ. އަދި ފާއިތުވި އެތައް އަހަރެއް ވަންދެން އިންޑިއާއިން ވަނީ އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށް އޭނާ ފާހަގަކުރިއެވެ.

“ސަރަހައްދީ އެއްބާރުލުމުގެ ވާހަކަ ދައްކާއިރު، އިންޑިއާއިން އަބަދުވެސް ބޭނުންވަނީ ވަރުގަދަ ސަރަހައްދީ ގުޅުމެއް އޮތުމަށް. އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ. ސާކްގެ ކުރިއެރުމަށް ހުރަސްއަޅަނީ ކޮން ގައުމަކުން ހިންގާ ކޮން ހަރަކާތްތަކެއްކަން ދެކުނު އޭޝިއާގެ އެންމެންނަށްވެސް އެނގޭނެ. އެއްބާރުލުން އުފެދޭނީ ހެޔޮ ނިޔަތް އޮވެގެން،”
ޖައިޝްވާލް

މި މައްސަލައިގައި އިންޑިއާއިން ނުސީދާކޮށް ފާޑުކިޔާފައިވަނީ ޕާކިސްތާނަށެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ސަރަހައްދީ އިމުން ބޭރުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ވާގިވެރިވާ ކަމަށް ތުހުމަތުކޮށް، އިންޑިއާއިން ވަނީ އެ ގައުމާއެކު ކުރިއަށްގެންދާ ހުރިހާ ރަސްމީ މަޝްވަރާތަކެއް ހުއްޓާލާފައެވެ. މީގެ އިތުރުން، އަފްގާނިސްތާނާ ދެކޮޅަށްވެސް ޕާކިސްތާނުން އުދުވާނީ އަމަލުތައް ހިންގާ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައި ވެއެވެ.

ސާކްގެ ހަރަކާތްތައް އަލުން ފެށުމަށް ގޮވާލައްވައި، ރާއްޖެއިން ވާހަކަ ދައްކާފައިވަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އާދީއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި 43 ގައުމަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ތަމްސީލުކުރާ 113 ޑިޕްލޮމެޓުން ބައިވެރިވިއެވެ. ރައީސް މުއިއްޒު ވަނީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ހައްލުކުރަންވާނީ މަޝްވަރާގެ އުސޫލުން ކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސަރަހައްދުގެ ސުލްހައާއި އެއްބާރުލުމަށްޓަކައި މެންބަރު ގައުމުތަކުން އަލުން މަޝްވަރާގެ މޭޒަށް އައުމަކީ މުހިންމު ކަމެކެވެ. އަދި ސާކްއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ހުރި މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރާއްޖޭގެ އިތުރުން، ބަންގްލަދޭޝްއިންވެސް ވަނީ ސާކްގެ ހަރަކާތްތައް އަލުން ފެށުމަށް ތާއީދު ކޮށްފައެވެ. މި ހިނގާ ޖުލައި މަހުގެ ކުރީކޮޅު، ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް ޝަމާ އޮބައިދު ވިދާޅުވި ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ޖެހެއެވެ. އަދި ސަރަހައްދުގައި ހުރި ފުރުސަތުތަކާއި މިހާރު ހާސިލުކުރެވިފައިވާ މިންވަރާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ސާކް އަލުން ދިރުވުމަށްޓަކައި އެ ޖަމިއްޔާގެ ނިންމުންތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، މާލީ ފުދުންތެރިކަން ވަރުގަދަކުރުމުގެ އިތުރުން، ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރަން ޖެހޭ ކަމަށް ޝަމާ އޮބައިދު ފާހަގަކުރެއްވިއެވެ. “މި ޖަމިއްޔާގެ ނިންމުންތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، މާލީ ފުދުންތެރިކަން ވަރުގަދަކުރުމާއި، ހަރުދަނާ ހާއްސަ ނިޒާމުތަކެއް ގާއިމުކުރުމުގެ އިތުރުން، ކަންކަން ގަވާއިދުން ބަލަމުންދާނެ އަމަލީ ސަގާފަތެއް ބޭނުންވޭ،” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސާކްގެ މެންބަރު ގައުމުތަކާއެކު ބަންގްލަދޭޝްއިން މަޝްވަރާކުރަމުންދާ ކަމަށްވެސް އޮބައިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގެ އަމާޒަކީ “ސާކްގެ އިސް އޮފިޝަލުންގެ ބައްދަލުވުމަކާއި، ކައުންސިލް އޮފް މިނިސްޓަރސްގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތުތަކާ ގުޅޭގޮތުން” ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

ސާކްގައި ހިމެނެނީ 8 ގައުމެކެވެ. އެއީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ. މި ޖަމިއްޔާ އުފެދުނީއްސުރެ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި، ތައުލީމާއި، ސިއްހަތު ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ސިޔާސީ މައްސަލަތަކުގެ ސަބަބުން، ޖަމިއްޔާގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2014 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ޕާކިސްތާނުގައި ބާއްވަން ތާވަލުކުރި ސަމިޓު ވަނީ ކެންސަލްކޮށްފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޗައިނާއާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ސަރަހައްދީ ވިޔަފާރިއާ ގުޅޭގޮތުންވެސް ޖައިސްވާލް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ލިޕުލޭކް ޕާސް، ޝިޕްކީ ލާ ޕާސް އަދި ނާތޫ ލާ ޕާސް މެދުވެރިކޮށް ސަރަހައްދީ ވިޔަފާރި އަލުން ފެށުމަށް 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ދެ ގައުމުން ވަނީ އެއްބަސް ވެފައެވެ. މި އެއްބަސްވުމާ އެއްގޮތަށް، ވިޔަފާރީގެ މުއާމަލާތްތައް ފެށުމަށް ބޭނުންވާ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނޭޕާލްގެ ބޮޑުވަޒީރު އިންޑިއާއަށް ޒިޔާރަތްކުރުމަށް ދައުވަތު އަރުވާފައިވާ ކަމަށްވެސް ޖައިސްވާލް ވިދާޅުވިއެވެ. މި ދައުވަތަކީ ސަރަހައްދީ ގައުމުތަކާއެކު އިންޑިއާއިން ބާއްވާ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެވިފައިވާ ދައުވަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.