ޒަމާނުއްސުރެ މި ގައުމުގައި އޮތް ސިޔާސީ ބަދަލު ހިފުމުގެ ރޫހު އެއްކޮށް ނައްތާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރެއް ހޮވުމަށްފަހު އަލަށް އިންތިހާބުވި ސަރުކާރުން އަވަސްވެގަންނަނީ ނިމިދިޔަ ސަރުކާރުގެ ވެރިން ޖަލަށްލުމަށް ކަމަށާއި އެއީ ކުރީގެ ސަރުކާރުތަކުގައި އަށަގަނެފައިވާ ނުބައި އާދައެެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ބަދަލު ހިފުމުގެ ރޫހު ނޫން ކަމެއް ގައުމުގައި ތަންފީޒު ކޮށްފައި ނުވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެއާ ހިލާފަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދަކީ ސިޔާސީ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ކަމަށެވެ. އަދި އެކަން ތަންފީޒު ކޮށްފައިވާ ކަމަށާއި މިހާރު މިގައުމު ސިޔާސީ ވިހަގަދަ ބަދަލު ހިފުމުގެ ރޫހުގެ އަޅުވެތިކަމުންނާއި ސިޔާސީވެރިން އަނިޔާވެރިކަމުން މިންޖު ކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ސިޔާސީ ވެރިން ތިބެންޖެހެނީ އަނިޔާވެރިކަމަށް ހުށަހެޅި އެކަމުގެ ބިރުވެރިކަމެއްގައި ނަމަވެސް އެ ދުވަސް ފާއިތުވެ ހިނގައްޖެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"މި ގައުމުގެ އަނިޔާވެރި ކަމުގެ ސަގާފަތް އަޅުގަނޑުމެން ވާނީ ނިމުމަކަށް ގެނެސްފައި. ސިޔާސީ ވެރިން އެހެން ނޫނިއްޔާ ތިބެންޖެހޭނީ އިދިކޮޅުގައި ތިބޭއިރުގަ އަނިޔާވެރިކަމަށް ހުށަހެޅިފައި. އިދިކޮޅު ހިޔާލުގެ ވެރިއެއް ވެއްޖިޔާ ކޮންމެވެސް ކަހަލައިގެ އުޒުރެއް ދައްކާފައި ބައިތިއްބަނީ ޖަލުގަ. މިގޮތަށް ހިނގަމުން އައި އަޅުކަން ނިމުމަކަށް ގެނެސްފިން. ސިޔާސީ ވެރިންނަށް އަޅުގަނޑުމެން ވާނީ މިނިވަންކަން ގެނެސްދީފައި."
ރައީސް ޑރ. މުހައްމަދު މުއިއްޒު

ޑިމޮކްރަސީ އޭގެ އެންމެ ފުރިހަމައަށް ތަންފީޒު ކުރަމުންދާކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަން ވެސް އެތައް ގުނައަކަށް ފުޅާ ކޮށްދީަފއިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ހުއްދަ ނުނަގާ އެއްވެ އުޅެވެވެނީ ކާނިވާ ސަރަަހައްދައް އެކަނި ނަމަވެސް މި ސަރުކާރުން އެކަން ކަމަށް ނިމުމެއް ގެނެސްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން މި ސަރުކާރުން، ހުއްދައަކާ ނުލާ ފަސް ސަރަހައްދަކަށް އެއްވެ އުޅުމުގެ މިނިވަންކަން ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ނޫސްވެރިކަމުގެ މިނިވަންކަން ވެސް އެތައް ގުނައަކަށް ފުޅާކޮށްދީފައިވާ ކަމަށާއި ނަމަވެސް އިސްލާމްދީނުގެ އުސޫލާ އެއްގޮތުގެ މަތިން ނޫސްވެރިކަން ކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ނޫސްވެރިންނަށް ލިބިދޭންޖެހޭ ތަމްރީންތައް ހޯދުމުގެ އިތުރުން މީޑިއާ ވިލެޖްގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ މަޝްރޫއު ނިމުމުން ނޫސްވެރިންނަށް ރަމްޒީ އަގެއްގައި އެތައް ކުއްޔަށް ދީ ނޫސްވެރިކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.