އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެކަމުގައި ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަރުއްވައިފިއެވެ.

މި މުނާސަބަތާ ގުޅުވައިގެން ރައީސްޔާ ފޮނުއްވި ހާއްސަ މެސެޖެއްގައި، މުސްލިމު ގައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށް އޯއައިސީން އަދާކުރަމުންދާ ދެމެހެއްޓެނިވި ދައުރަށް އަލިއަޅުއްވައިލެއްވިއެވެ.

އަދި ބައި ގަރުނު ފާއިތުވެގެން ދިޔައިރު ވެސް، ބައިނަލްއަގުވާމީ އިސްލާމީ މުޖުތަމައުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގައި އެ ޖަމާއަތުގެ މުހިންމުކަން ކުޑަނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޯއައިސީ އުފެދުނުތާ ދިހަ އަހަރު ނުވަނީސް، 20 ޖުލައި 1976 ގައި ދިވެހިރާއްޖެ އެ ޖަމާއަތުގެ މެންބަރެއްގެ ގޮތުގައި ބަލައިގަތް ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވީ މިއީ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރުމާއި، އެއްބައިވަންތަކަމާއި ތަރައްގީއަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެއްގެ ފެށުންކަމަށެވެ.

ފާއިތުވި 50 އަހަރުގެ ތެރޭގައި ރާއްޖެއިން އޯއައިސީގައި އަދާކޮށްފައިވާ މުހިންމު ދައުރުތަކަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ އިސްލާމިކް ސަމިޓްތަކާއި ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ ބައްދަލުވުންތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެފައިވާކަމަށާއި، މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، އަންހެނުން ބާރުވެރިކުރުވުމާއި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ހިމެނޭކަމަށެވެ.

ރައީސް ވަނީ އޯއައިސީގެ މަގުސަދުތައް ހާސިލުކުރުމަށާއި މެންބަރު ގައުމުތަކުގެ އެއްބައިވަންތަކަން ބަދަހިކުރުމުގައި ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވާފައެވެ. އަދި މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަމަލީގޮތުން ހާލަތާއި ވަގުތާގުޅޭ، އަދި ނަތީޖާ ނެރެދެވޭނެ ހައްލުތަކެއް ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.