ސިނަމާލެ ބްރިޖުމަތީގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުން ފުލުހުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ. އެގޮތުން މި މައްސަލައިގައި ބައިވެރިވި ތިން މީހުން ދުއްވި ސައިކަލުތައް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން 30 ދުވަހުގެ މުއްދަތަށް ވަނީ ހިފަހައްޓާފައެވެ.

މި އަމަލު ހިންގި މީހުންނަށް ކުރި ޖޫރިމަނާގެ ތަފްސީލަށް ބަލާއިރު، އުޅަނދު ދުއްވި ފަރާތްތަކުގެ ތެރެއިން ދެ މީހަކު 2،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާތީ، ތިންވަނަ މީހާ ވަނީ 4،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި މީހުންނަށް ފިޔަވަޅު އަޅާފައިވަނީ ސިނަމާލެ ބްރިޖް މަތީގައި ސައިކަލުގައި އޮށޯވެ އޮވެގެން ބާރު ސްޕީޑްގައި ދުއްވި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި، ދެ މީހަކު ސައިކަލު މަތީގައި އޮށޯވެގެން ނުރައްކާތެރި ގޮތަކަށް ދުއްވަމުން ދިޔައިރު، އިތުރު މީހަކުވެސް ބާރު ސްޕީޑުގައި އެމީހުންނާ އެކު ސައިކަލު ދުއްވަމުން ދިޔައެވެ.

ފުލުހުން ވިދާޅުވީ، މިއީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް، ބްރިޖު ބޭނުންކުރާ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފުލުހުން ދަނީ ގާނޫނީ ފިޔަވަޅު އަޅަމުންނެވެ.