މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ކުރިއަށްދާ ހާއްސަ ހަރަކާތްތަކާ ގުޅިގެން، އެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވަގުތީ ޕާކިން ޒޯންތަކަކަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމުމަކީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށްދާއިރު ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، އެއްވެސް ދަތިކަމެއް ނެތި ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

އެގޮތުން، ތިރީގައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް މިހާރު ވަނީ ކިންގް ސަލްމާން މިސްކިތް ކައިރީގައިވާ ޕާކިން ޒޯނަށް ބަދަލުކުރެވިފައެވެ:

  • ބޮޑުތަކުރުފާނުމަގު: ޙުސައިނީ ގޯޅިން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ޕާކުކޮށްފައި ހުރި އުޅަނދުތައް.
  • އަމީރުއަހުމަދުމަގު: ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ދެމެދު ޕާކުކޮށްފައި ހުރި އުޅަނދުތައް.
  • ޝަހީދު މުހައްމަދު ޙުސައިން ގޯޅި: (ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅަނގު ފަރާތު ގޯޅި) ޕާކުކޮށްފައި ހުރި އުޅަނދުތައް.
  • ޗާންދަނީމަގު: އާކޭޑް ޓްރެފިކް ލައިޓުން ފެށިގެން އަންކަލް ބޯބާއާ ދެމެދު ޕާކުކޮށްފައި ހުރި އުޅަނދުތައް.

މީގެ އިތުރުން، ޗާންދަނީމަގުގެ އަންކަލް ބޯބާއިން ފެށިގެން ސީގަލް ކެފޭއާ ދެމެދު ޕާކުކޮށްފައި ހުރި އުޅަނދުތައް މިހާރު ހުންނާނީ ބޮޑުތަކުރުފާނުމަގު، ޓޯޔާޑް ކުރިމަތީގައިވާ ޕޮކެޓް ޕާކިން ސަރަހައްދުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިނިވަން ދުވަހުގެ ގިނަ ހަރަކާތްތަކެއް މާލޭގެ އެކި ސަރަޙައްދުތަކުގައި ރޭވިފައިވާ ދުވަސްވަރަކަށް ވުމުން، އާންމު ދަތުރުފަތުރަށާއި ޕާކުކުރުމުގައި ފުލުހުންގެ އިރުޝާދުތަކަށް ބޯލެނބުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. ހަމަމިއާއެކު މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް އަށް ގެނެވޭ ބަދަލުތަކަށް ސަމާލުވުމަށްވެސް ފުލުހުން މީގެ ކުރިން ވަނީ އެދިފައެވެ.