ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް، 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސައިކަލްތައް ޓޯކޮށްފައިވަނީ ޖުލައި 25، 2026 ގައެވެ.

މިއީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދުތަކާ ހިލާފަށް ބްރިޖު މަތީގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ދުއްވާފައިވާތީ އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ބުނެފައިވާއިރު މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށް ޖޫރިމަނާކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސިނަމާލެ ބްރިޖް މަތީގައި ސައިކަލުގައި އޮށޯވެ އޮވެގެން ދެ މީހަކު ބާރު ސްޕީޑްގައި ސައިކަލް ދުއްވާ މަންޒަރު ފެނިގެން ދާއިރު އިތުރު މީހަކު ބާރު ސްޕީޑުގައި އެމީހުންނާ އެކު ސައިކަލު ދުއްވާ މަންޒަރު ފެނިގެން ދެއެވެ.