ހުޅުމާލޭގައި "މާލޭ ކޯޓު ކޮމްޕްލެކްސް" އިމާރާތް ކުރުމުގެ ބޮޑު މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 29,490 އަކަމީޓަރުގެ 14 ބުރީގެ ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި މާލޭގައި ހިންގަމުންދާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓު، ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު، ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓުގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ.
ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ގިނަގުނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާއިރު ޖުމްލަ 699.86 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.
