މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލުމުގައި މަސައްކަތް ފުރިހަމަ ކުރުމުގައި އުޅުނު އެމްޓީސީސީގެ މުވައްޒަފުންގެ އަގިވަޒަންކޮށްފިއެވެ.

މި މަސައްކަތް ނިންމުމާ ގުޅިގެން، މަޝްރޫއުގައި ބައިވެރިވި މުވައްޒަފުންގެ އަގުވަޒަންކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މި ހަފުލާގައި ކުންފުނީގެ އިސްވެރިންނާއި، މަޝްރޫއުގެ އަމަލީ މަސައްކަތުގައި ރޭދުވާ ހޭދަކުރި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ސައުދީ ވަނީ، މި ބުރަ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ. ސައުދީ ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަކީ މިހާރު އެމްޓީސީސީގެ މަސައްކަތުގެ ފެންވަރު ބަލާ މިންގަނޑު ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ހުރިހާ މަޝްރޫއެއް މި ދުވެލީގައި އަދި މި ކޮލިޓީގައި ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ތިންވަނަ ފިޔަވަހި ކަމަށްވާ ނޯތު ހާބަރުން ފެށިގެން ވެސްޓްޕާކާ ހަމައަށް އޮތް ސަރަހައްދު ނިމުމުން ނޫނީ މި މަސައްކަތް އެއްކޮށް ނިމުނީ ކަމަށް ނުބެލެވޭނެ ކަމަށްވެސް އެމްޑީ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ފުރަތަމަ ދެ ފިޔަވައްސަށް ގާތްގަނޑަކަށް 220 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތައް:

  • ފުރަތަމަ ފިޔަވަހި (159.88 މިލިއަން ރުފިޔާ): 8,793 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، 800 މީޓަރުގެ އެއްގަމުތޮށީގައި ޝީޓް ޕައިލް ކުރުމާއި، 13,936 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ހެދުމުގެ އިތުރުން 500 ސައިކަލުގެ ޕާކިން ޒޯނެއް ވަނީ ހަދާފައެވެ.
  • ދެވަނަ ފިޔަވަހި (60.42 މިލިއަން ރުފިޔާ): 1,914.43 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކުމާއި، 260 މީޓަރުގެ ޝީޓް ޕައިލް ކުރުމުގެ އިތުރުން އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓް ލިބޭނެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.

މިނިވަން ދުވަހާ ދިމާކޮށް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް 4 ލޭނަށް މަގު ހުޅުވާލުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އާ މަގުގެ ބޭނުންކުރަން ފަށާފައެވެ. މަގުގެ އެއްގަމުތޮށި ކައިރީގައި ދިވެހި ރުއްތަކާއި ރީތި ގަސްތައް އިންދައިގެން ސަރަހައްދު ޒީނަތްތެރިކޮށްފައިވާއިރު، މަގު ބޭނުންކުރި އާންމުން ވަނީ މި ގެނެވުނު ބަދަލާމެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފާޅުކޮށްފައެވެ.

އެމްޓީސީސީން ބުނީ މަގު ހުޅުވާލި ނަމަވެސް، ޕަމްޕް ސްޓޭޝަންގެ މަސައްކަތާއި ސިޑިތަކުގައި ރެއިލިން ހަރުކުރުން ފަދަ ބައެއް ކުދި މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ރިޓެންޝަން މުއްދަތުގައި މަގަށް ދިމާވާ އެންމެހާ ކަންކަން ބަލަހައްޓައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުންދާނެއެވެ.