ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3،110 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ މަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

އެގޮތުން ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ އިތުރުން މިދިޔަ މަހުގެ 9 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.4 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް ވެސް އަތުލައިގެންފައި ވެއެވެ. މި ތަކެތީގެ މަގުމަތީ އަގު 11 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މި ސަރުކާރުން މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންނެވެ.